ދުނިޔޭގެ ހުރިހަައި ހިސާބެއްގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިސާދު އޮންނަ ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނިންމައިފިއެވެ.

ޖަޕާނުގައި މި އަހަރުގެ ކުރީކޮޅު ވަައިރަސް ފެތުރެން ފަށައި، ކުޑަ ދުވަސްކޮޅަކަށް ވައިރަސް ކޮންޓްރޯލް ވެފައި އޮތް ނަމަވެސް މިހާރު އަނެއްކާވެސް ވަައިރަސް ފެތުރެމުން ގެންދާތީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނިންމެވީ ބޮޑުވަޒީރު ޝިންޒޯ އަބޭއެވެ.

ޝިންޒޯ ވިދާޅުވެފައި ވަނީ މާދަމާ އިން ފެށިގެން މި ހާލަތު ވެރިރަށް ޓޯކިޔޯގެ އިތުރުން އެހެން 6 ސިޓީއެއްގައި ތަންފީޒުކުރަން ފަށާނެ ކަމަށާއި ނަމަވެސް، އެ ގައުމުގައި މާ ހަރުކަށި ފުރަބަންދު (ލޮކްޑައުން) އެއް ނޯންނާނެ ކަމަށެވެ.

ބޮޑުވަޒީރު ޝިންޒޯ ވަނީ ހަރުކަށި ފުރަބަންދެއް އަދި ތަންފީޒުކުރަން ނުފަށާ ކަމަށާއި ނަމަވެސް، ޔޫރޮޕްގެ ގައުމުތަކުގައި ފުރަބަންދު ކުރަމުން އަންނަ ގޮތަށް، ކޮންމެހެން މަޖުބޫރުވެގެން މެނުވީ ބޭރަށް ނުނިކުތުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ޖަޕާނުގައި މާދަމާ އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތާއި ބެހޭ އިތުރު މައުލޫމާތު މާދަމާ ހިއްސާ ކުރައްވާނެ ކަމަށް ޝިންޒޯ ވިދާޅުފައި ވާއިރު އެ ގައުމުގައި މިހައިތަނަށް 3،654 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. އަދި 84 މީހަކު ވަނީ މަރުވެފައެވެ. އެއީ މި އަހަރުގެ ކުރީކޮޅު ޖަޕާނުގެ ބަނދަރެއްގައި ބަނދަރު ކުރި ކްރޫޒް ޝިޕް ”ޑައިމަންޑް ޕްރިންސަސް“ އިން ފައްސިވި 712 މީހުންނާއި މަރުވި 11 މީހުން ނުހިމަނައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ވެރިރަށް ޓޯކިޔޯ އިން 1،033 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު، އެ ސިޓީގެ ހޮސްޕިޓަލްތައް ދަނީ ތޮއްޖެހެމުންނެވެ. މިއާއިއެކު އެ ސިޓީ އިން ދަނީ ހާލު ސީރިއަސް ނޫން މީހުން ހޮޓެލްތަކަށް ބަދަލުކޮށް، ސީރިއަސް މީހުންނަށް ހޮސްޕިޓަލްތަކުން ޖާގަދެމުންކަން ފާހަގަކޮށްލެވެއެވެ.