ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ އަރަބި ޤައުމުތަކަށް ކުރިމަތިވަމުން ދާއިރު، ގަތަރުން ގިނަ އަދަދެއްގެ ބަޔަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ގަތަރުން މި ވައިރަސް އަށް ފައްސިވި މީހުންގެ އަދަދު 166 އަށް އަރާފައި ވާއިރު، މިއީ އެއް ދުވަސް ތެރޭ ގަތަރުން އެންމެ ގިނަ އަދަދެއްގެ ބަޔަކު މި ވައިރަސް އަށް ފައްސިވި ފަހަރެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ގަތަރުން ކޮވިޑް-19 ފެންނަ މިންވަރު އިތުރުވެފައި ވާއިރު، އިއްޔެ ވެސް އެޤައުމުން އިތުރު 153 މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ.

ގަތަރުން އިއްޔެ އާއި މިއަދުގެ މިހައިތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއެކު މިހާރު އެޤައުމުން ވައިރަސް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 2210 އަށް އަރާފައެވެ. މިހާތަނަށް މި ވައިރަސްގެ ޝިކާރައަކަށްވެ އެޤައުމުން ހަ މީހަކު ވަނީ މަރުވެފައެވެ. އެޤައުމުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން އަދި ރަނގަޅުވެފައި ވަނީ 206 މީހެކެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ގަތަރުން ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 37 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ.

ގަތަރަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާތީ އެޤައުމުން ވެސް ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މީހުން އެއްވެސް ނޫޅުމަށާއި، އާންމު ފިޔަފާރިކުރާ ތަންތަނާއި އާންމު ޚިދުމަތްދޭ އެނޫންވެސް ތަންތަން ވަގުތީގޮތުން ބަންދު ކުރުމަށް އެޤައުމުގައި ވަނީ އަންގާފައެވެ.

މިހާތަނަށް ގަތަރު ހިމެނޭހެން ދުނިޔޭގެ 209 ޤައުމު، ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މުޅި ދުނިޔެއިން މިހާތަނަށް 1.5 މިލިއަން އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައި ވާއިރު، އޭގެތެރެއިން 89000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް ދުނިޔެއިން 337164 މީހަކު މި ބަލިން ރަނގަޅުވެފައި ވެއެވެ. އަދި ބަލި ޖެހިގެން 48201 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.