ގަތަރުގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ އެސްޓިމާރް ހޯލްޑިންގ އިން ރާއްޖޭގައި ދުނިޔޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓް ތަރައްގީ ކުރުމުގެ އާ މަޝްރޫއެއް ފަށައިފިއެވެ.

މި ރިސޯޓްގެ މަސައްކަތް ފަށައިފައިވާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ރިސޯޓް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެސްޓިމާރް ހޯލްޑިންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ރޯޔަލް ރިސޯޓްސްއިންނެވެ.

މިއީ އާކިޓެކްޗަރަލް މާސްޓާޕީސްއަކަށް ވެގެން ދާނެއެވެ. މި ރިސޯޓްގައި ގާތްގަނޑަކަށް 120 އެއްހާ ބީޗް އެންޑް އޯވާވޯޓާ ވިލާއާއި، އެއް ކޮޓަރީން ފެށިގެން ފަސް ކޮޓަރީގެ ވިލާތަކާއި، ޕްރައިވެޓް ޕޫލްތައް ހުންނާނެ އެވެ.

އަދި މި ރިސޯޓުގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ރެސްޓޯރެންޓްތަކާއި ވެލްނެސް ފެސިލިޓީއަކާއި ބީޗް ކްލަބެއްގެ ތަރައްގީ ކުރާނެއެވެ.

މިއީ 343 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މި ރިސޯޓް ހިންގަމުން ދާނީ އަލްޓްރާ ލަގްޒަރީ ގްލޯބަލް ހޮސްޕިޓާލިޓީ ބްރޭންޑް ކަމަށްވާ ރޯޒްވުޑް ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.

ގަތަރުގެ ފަތުރުވެރިކަމުގެ ދާއިރާގައި އެސްޓިމާރް ހޯލްޑިންގ އަކީ މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނިން ތަރައްގީކޮށްފައިވާ ރިސޯޓްތަކުގެ ތެރޭގައި ލުސައިލްގެ އަލް މަހާ އައިލެންޑާއި އެސްޕަޔާގެ މޭސަން ރިސޯޓާއި ކަޓާރާގެ ކަޓާރާ ހިލްސް ރިސޯޓް ހިމެނެއެވެ.