ގަތަރުގެ ވެރިރަށް ދޯހާގައި އިމާރާތެއް ވެއްޓި އެކަކު މަރުވެއްޖެއެވެ. މިހާރު ކަމާ ގުޅުން ހުރި ފަރާތްތަކުން ދަނީ އެ އިމާރާތުގެ ދަށުގައި އިތުރު މީހަކު ތިބިތޯ ބެލުމުގެ އޮޕަރޭޝަނެއް ފަށައި، މަސައްްކަތްތައް ކުރަމުންނެވެ.

ގަތަރުގެ ދާޚިލީ ވުޒާރާއިން ބުނީ އިއްޔެގެ ވަގުތެއްގައި ވެއްޓުނު މި އިމާރާތަކީ ދޯހާގެ ބިން ދުރްހަމް އަވަށުގައި ހުންނަ ހަތަރު ބުރީގެ އިމާރާތެއް ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހަތް މީހުން ދިރިހުއްޓާ ފެނުނުެވެ. އަދި އިމާރާތް ވެއްޓުނު ވަގުތު އެތެރޭގައި ހުރި އެކަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިމާރާތް ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިހާރު އާއްމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އިމާރާތް ވެއްޓުމާ އެކު ކާރު އެލާމްތައް އިވެމުންދާއިރު، އިމާރާތް ވެއްޓޭ ތަން ފެނެއެވެ.

ހެނދުނު 8:00 ހާއިރު އެ އިމާރާތް ވެއްޓުނު ހާދިސާއަށް ފަހު ސިވިލް ޑިފެންސާއި ފުލުހުން އެ ތަން ބަންދު ކުރިއެވެ. އަދި ގިނަ އެމްބިއުލާންސްތަކަކާއި އެކްސްކަވޭޓަރުތައް އެ ސަރަހައްދަށް ޖަމާވިއެވެ. އަދި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުން މީހުން ހުސް ކުރުމަށް ވެސް އެންގިއެވެ.