ދުނިޔެއަށް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ކުރިމަތިވެފައިވާތާ ދުވަސްތަކެއް ވެގެން ހިނގައްޖެއެވެ. ނަމަވެސް ފަރުވާއެއް ހޯދިފައިނުވާ މި ވައިރަސްގެ ނުރައްކާ ކުޑައެއް ނުވެއެވެ. ދުވަހެއް ދުވަހަކަށް ޤައުމުތަކުން މި ބަލި ޖެހޭ މީހުންނާއި، ބަލީގެ ޝިކާރައަކަށް ވެގެން ދުނިޔެ ދޫކޮށްދާ މީހުންގެ އަދަދު ދަނީ މައްޗަށެވެ. އެއާއެކު އެންމެ ބޮޑަށް ކަންބޮޑުވެ ހާލުގައި ޖެހުނު ބަޔަކީ، ކުރިން ވެސް އެންމެ ނިކަމެތިކަންމަތީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުން އައި މީހުންނެވެ.

ހަނގުރާމައާއި ބޮޑެތި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގައި އެންމެ ދަތި ހާލުގައި އުޅެމުންދާ އެއް ބަޔަކީ ސީރިޔާގެ ރައްޔިތުންނެވެ. ހަމަނުޖެހުންތަކުގެ ސަބަބުން، ފޯރުންތެރިކަން ހުރި މީހުން ވަޒަން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކޮށްފައިވީ ނަމަވެސް، އެ ނަސީބު ނުލިބޭ ގިނަ ބަޔަކު ކޭމްޕުތަކުގައި އާއި ވަގުތީ ހިޔާތަކުގައި ތާށިވެފައި އެބަތިއްބެވެ. މި ނުރައްކަލުގެ ތެރޭގައި ދިރިއުޅެމުން ދަނިކޮށް ދުނިޔޭގައި ފެތުރެންފެށި ކޮވިޑް-19 ވެގެން ދިޔައީ އެމީހުންނަށް ހާސްކަން ދެގުނަ ކޮށްލި ބަލިމަޑުކަމަކަށެވެ.

ސީރިޔާގައި ކޮވިޑް-19 ޖެހުނު ކަމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ހާމަކޮށްފައިވާ އަދަދަކީ ނިސްބަތުން މަދު އަދަދެއް ކަމުގައި ވީނަމަވެސް، އެޤައުމުގައި ގިނަ އަދަދެއްގެ ބަޔަކު މި ވައިރަސްގެ ނުރައްކަލުގެ ތެރޭގައި އުޅެމުން ދެއެވެ. އަދި އިދާރާތަކުން ރެކޯޑްކުރާ އަދަދަށްވުރެ އެޤައުމުން ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުން އިތުރުވާނެ ކަމަށް ޤަބޫލުކުރެވެއެވެ. އެއީ ކޮވިޑް-19 އާއި ގުޅިގެން ސީރިޔާގެ އައިސޮލޭޝަން ފެނިލިޓީތަކެއް ކަމަށް ކަނޑައަޅައި، ހަދާފައިވާ ޓެންޓުތަކުގައި އާއި ކޭމްޕުތަކުގައި، ބަލި ޖެހޭ މީހުންގެ މަޢުލޫމާތުތައް އެއްކުރެވޭނެ ނިޒާމެއް ކަނޑައެޅިފައި ނެތުމާއެކު ފެސިލިޓީތަކުގައި ތިބި މީހުންގެ ހާލު ބަލާނެ ބަޔަކުވެސް ނެތުމުންނެވެ.

ސީރިޔާގައި ހަރަކާތްތެރިވާ އެކްޓިވިސްޓެއް ކަމަށްވާ އަބޫ އަބްދުﷲ، އެޤައުމުގައި ދިރިއުޅޭ މީހުން މި ދަނޑިވަޅުގައި އުޅެމުންދާ ހާލަތު ބަޔާންކޮށް ނޫސްތަކުގައި ބުނެފައި ވަނީ އެޤައުމަކީ ވެސް ކޮވިޑް-19 ފެތުރުމުގެ ބިރު އޮތްތަނެއް ކަމަށެވެ. ނަމަވެސް ގިނަ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަން، ކުރީގެ ހަމަނުޖެހުންތަކުގައި ސުންނާފަތިވެ ބިމާއި ހަމަވެފައިވުމުން، މި ވައިރަސް އާއި ކުރިމަތިލެވޭ ގޮތެއް އެޤައުމުގައި މިހާރު ނެތްކަމަށް އަބޫ އަބްދުﷲ ބުނެއެވެ.

އަބޫ އަބްދުﷲ ބުނެފައިވާ ގޮތުގައި ސީރިޔާގެ އެކި އަވަށްތަކުގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ގިނަ އަދަދެއްގެ ބަޔަކު އައިސޮލޭޝަން ގައި އެބަތިއްބެވެ. ނަމަވެސް މިގޮތުން ޤާއިމްކޮށްފައިވާ ތަންތަނުން އެއްވެސް ޚިދުމަތެއް އެމީހުންނަށް ލިބެމުން ނުދާއިރު، އެމީހުން އުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

"އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ ހާލަތު ބަލަން ޑޮކްޓަރުންނެއް ނެތް. ނަރުހުންނެއް ނެތް. އެމީހުން އެތަންތަނުގައި ބަންދުވެގެން ތިބީ ތަގުދީރު ނިޔާކުރި ގޮތަކާއި ކުރިމަތިލާން. ކުޑަމިނުން އެމީހުންނަށް ކެއިންބުއިމުގެ ކަންކަން ވެސް ވަނީ ހަމަނުޖެހި. ޒަރޫރީ ކަންކަން ކުރާނެ ގޮތެއްވެސް ގިނަ ފެސިލިޓީތަކުގައި ނެތް. ފެން ނުލިބި ފެނަށް ޖެހިފައިވެސް އެތައް ބަޔަކު އެބަތިބި" އަބޫ އަބްދުﷲ ބުނެފައި ވެއެވެ.

ސީރިޔާގެ ހަމަނުޖެހުންތަކާއި ގުޅިގެން އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ އެއް ބަޔަކު ދިރިއުޅެމުން ދަނީ އެޤައުމުގެ އިރުދެކުނު ސަރަޙައްދުގައި އޮންނަ ރުކްބާން ނަމަކަށްކިޔާ ސަރަޙައްދެއްގައެވެ. މި ސަރަޙައްދުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދާއިރު، ވައިރަސް އަށް ޝައްކު ކުރެވޭ މީހުން މީގެ ކުރިން ގެންދަނީ އެތަނާއި ދުރުނޫން ހިސާބެއްގައި ޤާއިމްކޮށްފައި ހުރި އދ.ގެ ކްލިނިކަކަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން، އެ ކްލިނިކްވެސް ފަހުން ބަންދުކޮށްފައިވާތީ، ރުކްބާންގައި އުޅޭ މީހުން ތިބީ ގޮތް ހުސްވެފައެވެ.

އދ.ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސީރިޔާ ހަމަނުޖެހުންތަކާއި ގުޅިގެން ރުކްބާންގައި، ގެދޮރު ގެއްލި ވަގުތީ ހިޔާތަކުގައި އުޅެމުންދާ 60000 އެއްހައި މީހުން އެބަތިއްޖެވެ. ޖޯޑަން އާއި ސަރަޙައްދީ އިމުން ސީރިޔާ ގުޅޭ ސަރަޙައްދެއްގައި އޮންނަ ރުކްބާންގައި ދިރިއުޅެމުންދާ މީހުންނަކީ ސީރިޔާގެ އަވަށްތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި ގެދޮރުގެއްލި ރެފިއުޖީންގެ ގޮތުގައި އުޅެމުންދާ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން އެ ސަރަޙައްދަށް އެންމެ ފަހުން ސިއްޙީ އެހީތެރިކަމާއި ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ލިބިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން އިތުރު އެހީއެއް އަދި އަޅާލުމެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިތަކެތި އެ ސަރަޙައްދުން ހުސްވެ ރުކްބާންގެ އާންމުން ގޮތްހުސްވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިއުމަތު

    އެއްވެސް ކުށެއްނެތް ގައުމަކަށް އެމެރިކާސިފައިން އަރާ މުޅި ގައުމު ސުންނާފަތިކޮށް ގައުމުގެ މީހުން ބިކަހާލުގައި ޖެިފައި މިއަދު އެވަނީ އެގައުމުގެ މީހުންގެ ކޮންކުށެއް އޮވެގެންތޯ މުޅި އިސްލާމީ ހުރިހާ ގައުމުތަށް ފުނޑާލަމުން އެދަނީ އެމެރިކާގެ އާރާއި ބާރު ހުރިކަން ދައްކަމުން، މިއަދު ކޮބއިތޯ އެމެރިކާގެ ހާލަތު، ހަމަލޮލަށް ނުފެންނަ ވައިރަސްއަކާ ކުރިމަތު ނުލެވިގެން މުޅި ގައުމު ހަލާކުވެ އެދަނީ، ﷲ އެކަލާންގެ ދީން ހަމާޔަތް ކުރަށްވާނެ..

    39
    • ބާއްޖަވެރި

      ނިޢުމަތތު ތިދެއްކީ ރަނގަޅު ވާހަކައެއް..އެކަމަކު އެމަރިކާ އަކަށް ނުކެރޭނެ ސީރިއާގެ އަސަދު ގެ ސަރުކާރާ ސީދާ ހަނގުރާމަ ކޮއްލަކަށް...ސަބަބަކީ އެގޮތަށް އެމީހުން ނުކުމެއްޖެކަމުގައިވާނަމަ އެ ހަނގުރާމަ ބަދަލުވާނެ އީރާން ގެ ހަނގުރާމަޔަށް..

  2. ހުސޭނުބޭ

    ޖިހާދަށް ދާން ބޭނުންވާ މީހުން ކީއްވާނީ މި މީހުންނަށް އެހީވާން ދިޔައްޔާ! ހަމަ ގައިމުވެސް އެއީ ޖިހާދަކަށް ވާނެ!

    32
  3. އާދިލް

    ތިތަނުން މައިންބަފައިން ނެތް ކުޑަ ކުއްޖަކު ލިބިދާނެތަ ދަރިއެއް ގޮތުގައި ގެންގުޅެން

    9
    1