ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީގެ ޗީފް އޮފް ސްޓާފް މައްލަމް އައްބާ ކިޔާރީއަށް ކޮވިޑް-19 ޖެހި އަވަހާރަވެއްޖެއެވެ.

އަލްޖަޒީރާއިން ބުނީ ނައިޖީރީއާ ރައީސް މުހައްމަދު ބުހައިރީގެ އެންމެ މަތީ އެހީތެރިޔާ އައްބާ ކިޔާރީ އަވަހާރަވީ ކޮވިޑް-19 ޖެހިގެން ދުވަސްތަކެއް އުޅުއްވުމަށް ފަހުގައި ކަމަށެވެ.

ކިޔާރީއަކީ ހުޅަނގު އެފްރިކާ ސަރަހައްދުގައި މި ބަލީގައި އަވަހާރަ ވެފައިވާ އެންމެ އިސް އޮފިޝަލެވެ.

މީގެ އިތުރުން ކިޔާރީ އަވަހާރަވި އިރު އޭނާގެ އުމުރުން ވަނީ 70 އަހަރު ފުރިފައެވެ. ގިނަ ބަޔަކު ފައްސި ވަމުންދާ ކޮވިޑް-19 ނައިޖީރިއާގައި ވެސް ވަނީ ފެތުރިފައެވެ. އެގޮތުން އެ ގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 493 ކޭސް އެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެ ގައުމުން މިހާތަނަށް 17 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ޖެހިގެން ދުވަހެއް ދުވަހަކަށް ކޭސްތައް އިތުރުވަމުންދާއިރު މިހާތަނަށް ކޮވިޑް-19 ވަނީ 210 ސަރަހައްދަކުން ފެނިފައެވެ. ބަލި ޖެހިގެން މިހާތަނަށް 2,276,547 ކޭސް އެއް ރިޕޯޓްކޮށްފައިވާ އިރު 156,144 މީހަކު ބަލީގައި ވަނީ މަރުވެފައެވެ. އަދި 582,599 މީހުން ވަނީ ބަލި ޖެހި ރަނގަޅުވެފައެވެ.