އިޓަލީ އަކީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ އެއް ގައުމެވެ. އެ ގައުމު ބޮޑު އަނދަވަޅެއްގެ ތެރޭގައިވާ މި ދަނޑިވަޅުގައިވެސް އިޓަލީގެ މާފިއާ ގޭންގުތަކުން އަންނަނީ ހާލަތުގެ ނާޖައިޒް ފައިދާ ނަގަމުންނެވެ.

މިދިޔަ މާޗު މަހުން ފެށިގެން އިޓަލީގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަމުގައި އާއިލާ އަދި ރަހުމަތްތެރި މީހުންނަށް ބައިވެރި ނުވެވޭގޮތަށް ނިންމާފައި ވީ ނަމަވެސް، ސިސިލިއަންގެ މެއްސީނާގައި މާފިއާގެ ބޮޑަކު މަރުވުމުން އެމީހުން ވަނީ ފާޅުގައި މަގުމަތިން އެމީހާގެ ސަންދޯއް ހިފައިގެން ގޮސް އިއްޒަތުގައި ވަޅުލާފައެވެ. އަދި މިކަން ހުއްޓުވަން އެއްވެސް ކަމާބެހޭ އިދާރާ އަކުންވެސް ގޮސްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން މާފިއާ އާއި ދެކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެހެން ކަންތައް ކުރުމަކީ އިޓަލީގެ އެހެން އާއިލާތަކުން މަރުވާ މީހުންނަށް މާފިއާ އިން ކުރާ ބޮޑު މަލާމާތެއް ކަމަށް ބުނެފައެވެ.

މުޅި ގައުމު އިގްތިސާދީ ގޮތުން ދަށަށް ދަމުން ދިޔަ ނަމަވެސް، މާފިއާ އިން ދަނީ އެމީހުންގެ ވިޔަފާރިތައް ފުޅާ ކުރަމުންނެވެ. މިގޮތުން ފަގީރު ހިސާބުތަކުގެ މީހުންނަށް އެހީވެ، އެމީހުންގެ ލޯބި ހޯދައި، ބަނގުރޫޓުވަމުން އަންނަ ވިޔަފާރިތައް ސަލާމަތް ކުރުމަށް ފައިސާވެސް އަންނަނީ ދެމުންނެވެ. ނަމަވެސް، މިގޮތަށް އެހީވާ ފަރާތްތަކުގެ ވިޔަފާރިން ބޮޑު ބައެއް ނުވަތަ މުޅި ވިޔަފާރި އެއްކޮށްވެސް ފަހުން ޖަހައިގަތުމަކީ މާފިއާގެ އުކުޅެއްކަމަށް މާފިއާ އާއި ދެކޮޅު ފަރާތްތަކުން ބުނެއެވެ.

މި ދުވަސްވަރު މާފިއާ އިން ދަނީ ކުރިއަށް ވުރެން ބޮޑަށް ކޮކެއިން ފަދަ މަސްތުވާތަކެތި ޔޫރަޕްގެ އެހެން ގައުމުތަކަށް ފޮނުވަމުންނެވެ. އެއީ މި ދުވަސްވަރު މަސްތުވާތަކެއްޗައް އެހައި ވަރަށް ޗެކު ނުކުރާތީއެވެ.

2008 ވަނަ އަހަރު މުޅި ދުނިޔެ ރިސެޝަން އަށް ގޮސް ވިޔަފާރިތައް ބަނގުރޫޓުވި އިރުވެސް، އިޓަލީގެ އެންމެ ބޮޑު ބޭންކެއް ގޮތުގައި މީހުންނަށް ލޯނުތައް ދެމުން އައީ ހަމަ މާފިއާ އިންނެވެ.

އިޓަލީގެ މާހިރުން ބުނަމުން އަންނަ ގޮތުގައި މާފިއާ އިން ވިޔަފާރިތައް މިގޮތަށް ނަގަމުން ގެންދިއުމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ލަފާ ކޮށްފައިވާ ވަރަށްވުރެން ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަސްނާހާ

    މި ޤައުމުގެ ޖަލުގައޮތް މާފިޔާގެ ބޮސް ޖަލުން ނެރެން ބަޔަކު އެބަ އަވދިވޭ

    18
    35
  2. ތުރުކީގެ ބޮޑުވަޒީރު

    ކީކޭ ބުނާނީ އިޓަލީގެ އަސްކަރިއްޔާއަކަށްވުރެ ތިމާފިއާ ގަދައެއްނުވާނެކަން އެނގޭ...އެމީހުން ސައިޒުނުވެވެނީ ސަރުކާރުގެ ނުފޫޒު ގަދަ މީހުންނާ މާފިއާއާއި ގުޅުން އިންނަ ތީވެ...ޕޮލިހުންގެ އެތެރޭގަވެސް އެމީހުންގެ އިންޓަލްތައްހުރޭ...ކާކު ކީ ކުރާނީ؟

    26
  3. ދޮންމީހާ

    އެސޮރު ބުނީ ދޮން މީހުން އުޅޭގޮތަށް އުޅޭށޯ. ދޮން މީހުން އުޅޭގޮތަށް އުޅެގެން ނޫނީ ސަލާމަތެއް ނުވާނެޔޯ. އެސޮރުގެ ބަސް އެހީ މީހުން ........؟ ދޮން މީހުން އުޅޭގޮތް ތިކިޔައިދީ.