ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 399 މީހަކު މަރުވެއްޖެ އެވެ.

ސްޕެއިން އިން މިއަދު ކޮވިޑް-19 ގެ ޝިކާރައަކަށްވެ އިތުރު 399 މީހަކު މަރުވުމާއެކު މިހާރު މި ބަލީގައި އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 20،852 އަށް އަރާފައެވެ.

މިއަދު ސްޕެއިން އިން އިތުރު 1،536 މީހަކު ވަނީ ކޮވިޑް-19 އަށް މުޅިން އަލަށް ފައްސިވެފައެވެ. މިއާއެކު އެޤައުމުން މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 200،210 އަށް އަރާފައެވެ.

ސްޕެއިން އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ތިންވަނައަށް އެންމެ ގިނަ މީހުން މަރުވި ޤައުމެވެ. މިހާތަނަށް އެޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 80،587 މީހެކެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ސްޕެއިން ގައި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 7،371 މީހެއްގެ ހާލު ސީރިއަސް އެވެ. އެހެންކަމުން އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި އެ ގައުމުން މަރުވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންކަން ފާހަގަކޮށްލެވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ސްޕެއިން އޮތްއިރު، އެޤައުމުގައި މި ވައިރަސް ފެތުރުން އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

މިހާތަނަށް ސްޕެއިން ހިމެނޭހެން ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 2 މިލިއަނަށް ވުރެން މައްޗައް އަރާފައެވެ. އޭގެތެރެއިން މިހާތަނަށް 1 ލައްކަ އަށް ވުރެން ގިނަ މީހަކު ވަނީ މަރުވެފައެވެ.