އެމެރިކާ އިން އިސްވެ އޮވެ ހުޅަނގުގެ ގުޅިފައިވާ ކޯލިޝަނުން ސީރިއާގެ އަސްކަރީ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށް އަނެއްކާވެސް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ސީރިއާގެ އުތުރު އަސްކަރީ މަރުކަޒު ތަކަކަށް ދީފިއެވެ.

ސީރިއާގެ ދައުލަތުގެ ޓީވީން ބުނާގޮތުގައި އިއްޔެ ދިން ވަރުގަދަ ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާކަމަށެވެ. އަދި އިއްޔެ ދިން ހަމަލާތަކުގެ ފޮޓޯތައް ދައުލަތުގެ ޓީވީން ވަނީ އާންމު ކޮށްފައެވެ.

އިއްޔެދިން ހަމަލާތަކުގެ ބާރުގަދަ ކަމުން ސީރިއާގެ އުތުރު ސަރަހައްދު ތަކަށް ވަނީ ބިންހެލުމެއްގެ އިހުސާސް ކުރެވިފައެވެ. މި ބިންހެލުމުގެ ބާރުމިން 2.6 މެގްނަޓިއުޓްގައި ވަނީ ރިކޯޑް ކުރެވިފައި ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

އިއްޔެ ދިން ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓްތަކެއް އަދި ލިބިފައެއް ނުވެއެވެ.

ސީރިއާ ސަރުކާރާއި ދެކޮޅަށް މީގެ ކުރިން ހަމަލާ ދިނުމަށް ކަނޑައެޅި މަގްސަދު ހާސިލްވެއްޖެ ކަމަށާއި، ސީރިއާއަށް ހަމަލާ ދިނުމުގެ މަގުސަދު ވަރަށް ފުރިހަމަ ކަމާއެކު ތަންފީޒު ކުރެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.

ޓްރަމްޕް ކުރި ޓްވީޓެއްގައި އޭނާބުނީ، ސީރިއާ އަށް ދެވުނު އަސްކަރީ ހަމަލާއިން ވަރަށް ފުރިހަމަ ނަތިޖާއެއް ހާސިލުވެއްޖެ ކަމަށެވެ. އެހެންކަމުން، ހަމަލާ ދިނުމުގައި އެމެރިކާ ސިފައިންނާއެކު ބައިވެރިވި ފަރަންސޭސި އަދި އިނގިރޭސި ސިފައިންގެ ހިކުމަތަށާއި، ބާރުވެރިކަމަށް ޓްރަމްޕް ޝުކުރު އަދާކޮށްފައެވެ.

އެމެރިކާ އިސްވެއޮވެ ސީރިޔާގެ ސަރުކާރުގެ ބާރުގަދަ ހިސާބުތަކަށް ހަމަލާދިނީ ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ދޫމާއަށް ކެމިކަލް ހަމަލާއެއް ސީރިއާގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދީފައިވާތީއެވެ.

އެ ހަމަލާގައި 70 މީހަކު މަރުވިއިރު އެ ހަމަލާގައި ކްލޮރިން ގޭހާއި އެއަށް ވުރެ ބާރުގަދަ ގޭހެއް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސީރިޔާ ހަމަލަަ ދިނުމުގެ ބޭނުމަކީ ކޮބަަ؟