އިންޑިއާގެ މުމްބާއީގެ މޭޔަރު ކިޝޯރީ ޕެޑްނެކަރް ނަރުހުންގެ ޔުނިފޯމް އަޅައިގެން ބިރްހަމް މުމްބާއި މުނިސްޕަލް ހޮސްޕިޓަލަށް ޒިޔާރަތްތައް އެތަނުގައި މަސައްކަތް ކުރަމުންދާ ސްޓާފުންނަށް ހިތްވަރުދީފިއެވެ.

އޭނާ ހިތްވަރުދިން މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 އާ ދެކޮޅަށް އެ ހޮސްޕިޓަލުގައިި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ.

ޕެޑްނެކަރްއަކީ ކުރިން ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާ ވަނީ އެ ހޮސްޕިޓަލުގެ ނަރުހުންނާއި ބައްދަލުކޮށް، ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެ މީހުންނަށް ދިމާވަމުންދާ އުނދަގޫ ތަކުގެ ވާހަކަ އަޑު އަހާފައެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލުން ބުނީ، ޕެޑްނެކަރް އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރިއިރު، ގައިދުރު ކަމުގެ ގައިޑްލައިނަށް ފޮލޯ ކުރި ކަމަށެވެ.

"އަހަރެން ކުރިން ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރިން، އަހަރެންނަށް އިނގޭ ދިމާވާނެ އުނދަގޫ ކަންކަން، އަހަރެން އަހަރެންގެ ނަރުސް ޔުނިފޯމް ލައިގެން ދިޔައީ އެ މީހުންނަށް ދައްކަން، އަހަންނަކީވެސް އެ މީހުންގެ ތެރެއިން މީހެއްކަން، އަހަރެން އެތަނުގައި ނަރުހުންނާއި ބައްދަލުކޮށް، އެ މީހުންގެ ވާހަކަތައް އަޑުއެހިން، މިއީ އުނދަގޫ ދުވަސްތަކެއް، މި ވައިރަހާއި ކުރިމަތިލެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން"އޭނާ ބުނެފައި ވެއެވެެ.

ޕެޑްނެކަރް ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން މަސައްކަތް ކޮށްފައި ވާނީ ނަރުހެއްގެ ގޮތުގައެވެ. އޭނާ ނަރުހެއްގެ ގޮތުގައި 1992 ވަނަ އަހަރުން ފެށިގެން މަސައްކަތް ކޮށްފައިވާއިރު، އޭނާ ބީއެމްސީގެ ކައުންސިލަރު ކަަމަށް ހޮވުނީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ދެ ފަހަރު މަތިން އެ މަގާމު ދިފާއު ކޮށްފައެވެ.

މުމްބާއީގައި ކޮވިޑް-19 5407 ވޭދަނަ (ކޭސް) އެއް ވަނީ ފެނިފައެވެ. އާދީއްތަ ދުވަހާއި ހަމައަށް 204 މީހަކު ކޮވިޑް-19 ޖެހިގެން އެ ސިޓީން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު