މިސްރުގައި ބޮމުގެ ވަރުގަދަ ހަމަލާއެއްދީ ދިހަ މީހަކު މަރާލައިފިއެވެ.

މިސްރުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު މިކަން ނޫސްތަކަށް ކަށަވަރުކޮށްދެމުން ވިދާޅުވެފައި ވަނީ މި ހަމަލާ ދީފައި ވަނީ އެޤައުމުގެ ސައިނާ ގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ހަމަލާ ދީފައި ވަނީ ސައިނާގެ އަލް-އަބްދް ސިޓީގައި އޮތް އަސްކަރީ ވެހިކަލެއް ގޮއްވާލައިގެން ކަމަށާއި، ހަމަލާފައި މަރުވެފައި ވަނީ އެޤައުމުގެ އަސްކަރިއްޔާ އަށް ނިސްބަތްވާ ދިހަ މީހެއް ކަމަށެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް އެޤައުމުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ ހަނގުރާމަވެރިން މީގެ ކުރިން މިފަދަ ހަމަލާތައް ސައިނާގައި ދީފައި ވެއެވެ.

މި ހަމަލާ ދީފައި މިވަނީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު، ހަނގުރާމަވެރިންނާއި ދެކޮޅަށް މިސްރުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ހަތް ނިރުބަވެރިއަކު މަރާލާފައި ވަނިކޮށެވެ. އެހެންކަމުން މިއަދުގެ ހަމަލާއަކީ އެ އޮޕަރޭޝަން އާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވަނީ ބެލެވިފައެވެ.

ސައިނާގައި އައިސިސްގެ ހަނގުރާމަވެރިނާއި އެޖަމާޢަތަށް ވާގިވެރިވާ ގިނަ އަދަދެއްގެ ގްރޫޕްތަކާއި ނިރުބަވެރިން ހަރަކާތްތެރިވާ ކަމަށް ވެއެވެ. އެ ޖަމާޢަތްތަކުން ދޭ މިފަދަ ހަމަލާތައް އެންމެ ގިނައިން އަމާޒުކުރަމުން ދަނީ މިސްރުގެ ސިފައިންނަށެވެ.

ލީބިޔާ އާއި ސަރަޙައްދީ ރޮނގުގެ ގޮތުން ގުޅިފައި އޮންނަ މިސްރަށް ނިރުބަވެރިން އަރަނީ ލީބިޔާއިން ކަމަށް އެޤައުމުގެ އޮފިޝަލުން ކުރިން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ލީބިޔާ ސަރަޙައްދީ ރޮނގު ހިމެނޭ ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަން މިސްރުގައި ވަނީ ވަރުގަދަކޮށްފައެވެ.