އެއްވެސް ނިއުކްލިޔަރ ހަތިޔާރެއް އުފައްދަމުން ނުދާކަމަށް ބުނެ އީރާނުގެ ވެރިން ހަދަމުން ދިޔައީ ދޮގުކަމަށާއި އެކަމުގެ ހެކިތައް އެބަހުރިކަމަށް އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ޔަހޫދީ ލީޑަރު މިހެން ބުނެފައިވާއިރު އެކަމުގެ ކިތާބީ ހެކިތައްވެސް އެބަ ހުރިކަމަށް އޭނާ ބުނެފައިވެއެވެ.

ނަތަންޔާހޫ މިހެން ބުނެފައިވަނީ ރޭ ތެލް އަވީވުގައި އިސްރާއިލުގެ ޑިފެންސް މިނިސްޓްރީގައި ހުރެ، ވާހަކަ ދައްކަމުންނެވެ. "މިރޭ އަހަރެން މި އައީ އެއް ވާހަކަ ބުނަން: އީރާނުން ހެދީ ދޮގެއް." ރޭ ނަތަންޔާހޫ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ރޭ ވާހަކަ ދައްކަމުން ނަތަންޔާހޫ އިތުރަށް ބުނެފައިވަނީ އީރާނުން ވަރަށް އަޑީގައި ފޮރުވައިގެން ގެންގުޅުނު ލިޔެކިޔުންތަކާއި އެހެނިހެންވެސް އެފަދަ މައުލޫމާތުތައް ހޯދުމަކީ އިސްރާއިލުގެ އިންޓެލިޖެންސް އެޖެންސީ (މޮސާޑް) އަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބުކަމަށެވެ.

މީގެއިތުރުންވެސް، އޭނާ ބުނެފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ބައިނަލްއަޤުވާމީ ފަރާތްތަކާއެކު އީރާނުން ކޮންމެވެސް ވަރެއްގެ އެއްބަސްވުމަކަށް އައިސް، އެޤައުމާ ދެމެދު އޮންނަ ގުޅުންތައް ރަނގަޅުވެގެން ދިއުމަށް ފަހުގައިވެސް، ނިއުކްލިޔަރ ހަތިޔާރު ތަރައްޤީ ކުރުމުގެ މަސައްކަތްތައް އީރާނުން ކޮށްފައިވާކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މި މަސައްކަތާ ގުޅޭ ލިޔެކިޔުންތައް ރައްކާކޮށްފައި ހުރީ ބޭރުން އެއްވެސް ތަފާތެއް ހުންނަހެން ހީނުވާފަދަ، ތިޖޫރީތަކެއްގައި، އީރާނުގެ ޝޮރާބާދު އަވަށުގައިކަމަށެވެ.

ތިޖޫރީތަކުގައި ރައްކާކޮށްފައި ހުރިކަމަށް ބުނާ ލިޔެކިޔުންތަކުގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރު ތަރައްޤީ ކުރުމާ ގުޅޭ ބްލޫ ޕްރިންޓުތަކާއި ފޮޓޯ، ޗާޓު، ވީޑިޔޯ އަދި ޕްރެޒެންޓޭޝަންތައް ވެސް ހިމެނޭކަމަށް ނަތަންޔަހޫ ބުނެފައިވެއެވެ.

ނަތަންޔާހޫގެ ތުހުމަތުތަކާ ގުޅިގެން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އައްބާސް އަރަޣުޝީ ވިދާޅުވެފައިވަނީ ނަތަންޔާހޫ ދެއްކި ވާހަކަތަކަކީ ކުޑަކުދިން ދައްކާފަދަ ޖޯކު އަދި މަޖާ ވާހަކަތަކެއްކަމަށެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ އިސްރާއިލުގެ ތުހުމަތުތައް ވަރަށް ގާތުން ބަލާ، އެކަންކަން ތަޙުޤީޤު ކުރާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮގުވެރިޔާގެ ދުޝްމިން

    ތި ނުލަފާ ކަލޭގެ ތެދެއް ބުނާނެތަ؟ ތިއީ މުސްލިމު އުއްމަތުގެ ޤާޠިލެއް. މިއަދު އިސްލާމީ ބާރެއް ނެތި ބައިބައިވެފަ ވާތީ މިދުނިޔޭގައި އިންސާފެއް ނުލިބޭ..

    އެހެންވެ، ހިތުހުރި ގޮތަކަށް ކުޑަ ހިނދުކޮޅަކަށް އުޅޭ...
    ﷲ ގެހިއްޕެވުމަކީ ގަދަފަދަ ހިއްޕެވުމެއް. ތި ތަނުގެ ކުރީގެ ތިފާޑުގެ މީހުންގެ ނިމުމަށް ބަލާލާ ފެންނާނެ މިހަޤީޤަތް.

    އަދި ވަގުތު ނޫހަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
    އެންމެ އާދައިގެ ބަހުން އެޒާތު މީހުންނާ މުޚާޠަބު ކޮށްފައި ހުރީމާ...