އެފްރިކާގެ ހުޅަނގު ބިތުގައި އޮންނަ ގައުމެއް ކަމަށްވާ ނައިޖަރުގެ ޖައްވު މިދިޔަ ހޯމަ ދުވަހުގެ ރޭ ވަތަށް ބޮޑަށް ލޭ ކުލައަށް ބަދަލުވެ، ބައެއް މީހުންނަށް ބޮޑު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ނައިޖަރުގެ ވެރިރަށް ނިއާމާގޭގައި ދިރިއުޅެމުން އަންނަ މީހުންނަށް ހޯމަ ދުވަހު އިރުއޮއްސުނުތާ ކުޑައިރުކޮޅެއް ފަހުން ފެނުނީ އުޑުމައްޗާއި، އަދި ރަށުތެރެ ވެސް ރަތް ލޭ ކުލައަށް ބަދަލުވެފައިވާ މަންޒަރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހެން ދިމާވީ އެސަރަހައްދަށް އެރި ވެލީގެ ތޫފާނެއްގެ ސަބަބުންނެވެ.

"އަހަރެންނަށް އެނގޭ މިހެން ދިމާވީ ވެލީގެ ތޫފާނެއްގެ ސަބަބުން ކަމަށް. ނަމަވެސް އަހަރެންގެ ހަނދާނުގައި ނެތް ވެލީގެ ތޫފާނެއްގެ ސަބަބުން މިވަރަށް ޖައްވުގެ ކުލަ ބަދަލުވެގެން ދިޔަ ހަނދާނެއް." ނައިޖަރުގެ ޒުވާނަކު ބުންޏެވެ.

ނައިޖަރަށް އެރި ވެލީގެ ތޫފާންގެ ސަބަބުން ވަޔާއި އެކު މީހުން ދިރިއުޅޭ ސަރަހައްދަށް ޖެހިގެން އައި ދުވަހު ވެސް ވެލި އަންނަމުން ދިޔަ އެވެ. އަންގާރަ ދުވަހު ނިއާމޭއާއި ދިމާއަށް ވެލީގެ ބޮޑެތި ރާޅުތަކެއް އަންނަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނިއާމޭއަށް ކުރިމަތިވި ވެލީގެ ތޫފާން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. މި ތޫފާނުގައި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

https://twitter.com/Atlantide4world/status/1257812344769359872

އެފްރިކާގެ ގައުމުތަކަށް ވެލީގެ ތޫފާންތައް އެރުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ޖައްވު ރަތް ވެގެން ދިއުން އެއީ އާއްމުކޮށް ހިނގާ ކަމެއް ނޫނެވެ.