އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލްގެ އުތުރުން ދުރުނޫން ހިސާބެއްގައި އޮންނަ އަވަށެއްގައި ހުރި މިސްކިތަކަށް ދިން ޙަމަލާއެއްގައި ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެޤައުމުގެ ޕަރްވަން ޕްރޮވިންސުގެ މިސްކިތަކަށް ދިން މި ޙަމަލާގައި މިހާތަނަށް އަށް މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އިތުރު 12 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު މި ޙަމަލާ ދީފައިވަނީ ހަތިޔާރު އެޅި ބަޔަކު އެ މިސްކިތަށް ވަދެ މިސްކިތުގައި ނަމާދުކުރަން ތިބި މީހުންގެ ގަޔަށް ބަޑިޖަހައިގެންނެވެ. މި ހަމަލާ ދިނުމުގައި ބައިވެރިވީ ކިތައް މީހުންކަން އަދި އެނގިފައިނުވާ ކަމަށް އަފްޣާނިސްތާނުގެ އިދާރާތަކުން ބުނެއެވެ.

މި ޙަމަލާގެ ފަހަތުގައި ވަނީ ސީދާ ކޮން ޖަމާޢަތެއްގައި އަދި ޔަޤީން ކުރެވިފައިނުވާއިރު، މި ޙަމަލާގެ ޒިންމާ އަދި އެއްވެސް ހަނގުރާމަވެރި ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ތާލިބާނުން އަފްޣާނިސްތާނުގައި ސިފައިންނަށް އަމާޒުކޮށްދޭ ޙަމަލާތައް އިތުރުވެފައި ވުމުން މިޙަމަލާ އަކީ ތާލިބާނުންނާ ގުޅުންހުރި ހަމަލާއެއް ކަމަށް ވަނީ ބެލެވިފައެވެ.

މި ޙަމަލާގެ އިތުރުން އިއްޔެ އަފްޣާނިސްތާނުގެ ކުންދޫޒްގައި ސިފައިންނާއި ތާލިބާނުންނާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި ސިފައިންގެ އަށް މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި މިދިޔަ މަހު އެކަނިވެސް ދިން ނިރުބަވެރި ހަމަލާތަކުގައި އަނިޔާލިބި ނުވަތަ މަރުވެފައިވާ މީހުންގެ އަދަދު 208 އަށް އަރާކަމަށް އެޤައުމުގައި ހުންނަ އދ.ގެ އެސިސްޓެންސް މިޝަނުން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރިލް މަހާއި އަޅާބަލާއިރު، 25 އިންސައްތަ އިތުރު މިންވަރެއް ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުސްލިމް

    ޝަހީދުވުން ޖަހަން ހަނދާން ނެތެނީ ދީނާ ދުރުވީމަ.

  2. މޯލްޑިވިޔަން

    ތީ ހުސް ދޮގު.އިސްރޭލުން ކުރި ކަމެއްތީ

  3. ހަބަރު ކިޔާމީހުންނަށް

    އެއްވެސް މީހަކަށް ނިންމޭނެ ނިންމުމެއް ނޫން ޝަހީދު ވުމުގެ ދަރަޖައަކީ ޝަހީދުވި މީހެއް ވިއްޔާ އެމީހަކުދާނީ ސުވަރުގެ ކަން ޔަގީން އެހެން ވުމުން މިވެނިމީހަކު ސުވަރުގެ ވަންނާނެ އެކޭ ނުބުނެވޭނެ އަހަރެމެންނަށް އޮތީ އެމީހަކީ ޝަހީދެއް ކަމަށް އުންމީދުކުރުން

    1
    1
  4. ދުއާވެރިޔާ

    އަލްހަމްދު ލިއްލާހި. އެޝަހީދުންނަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވާށި