ހަވާއީގެ މީހުން ދިރިއުޅޭ އެންމެ ބޮޑު ރަށުގައި ހުންނަ މައުންޓް ކިލައުއާ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެ ރަށުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ރަށުގައި ކުއްލި ހާލަތު އިއުލާންކުރެވިފައިވާއިރު މަންޒަރުދުށް ފަރާތްތަކުން ވަނީ ފަރުބަދައިގެ އެކި ފަރާތްތަކުން ދިޔާ އަލިފާން ފައިބަމުން ދާތަން ފެނިފައިވާކަމަށް ބުނެފައެވެ. އެ ސަރަހައްދުގެ ކައިރީގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ހަވާއީގެ ގަވަރުނަރު ޑޭވިޑް އިގް ބުނިގޮތުގައި އެ ސްޓޭޓްގެ ނެޝަނަލް ގާޑުން ދަނީ ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިޔުމުގައި ހަރަކާތްތެރިވަމުންނެވެ. ޚަބަރު ލިބޭގޮތުގައި ފަރުބަދަ ގޮވާފައިވަނީ އެ ސަރަހައްދަށް ސަތޭކައަށްވުރެ ގިނަ ބިންހެލުން އައުމަށްފަހުއެވެ. އެފަދަ އެންމެ ބާރުގަދަ ބިންހެލުން އައިސްފައިވަނީ ރިކްޓާރ މިންގަނޑުން 5 ގެ ބާރުމިނުގައެވެ. އަދި އޭގެ ފަހުންވެސް 2.5 އަދި 2.7 ބާރުމިނުގެ ދެ ބިންހެލުން އައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކިލައުއާއަކީ ދުނިޔޭގެ އެންމެ އެކްޓިވް އެއް އަލިފާން ފަރުބަދައެވެ. އެހެންނަމަވެސް މިފަހަރު ފަރުބަދަ ގޮވުމުގައި އެ ސަރަހައްދަށް އައި ބިންހެލުންތަކުގެ ދައުރު ވަރަށް ބޮޑުކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ ކޮންމެ މިނެޓަކުހެން ބިންގަނޑު ތެޅޭހެން ހީވާކަމަށާއި އަދި އެގޮތަށް ބިންގަނޑު ތެޅޭތާ އެތައް ދުވަސްތަކެއްވެފައިވާކަމަށްވެސް ބުނެފައެވެ. އެ

މެރިކާގެ އޮފިޝަލުން ވަނީ ފަރުބަދައާއި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ދިޔުމަށް އަދި އޮފިޝަލުންގެ އިލްތިމާސްއާއި އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ.