އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަޅު ނަސްލުގެ މީހެއްގެ ކަރަށް ފައިން އަރައި އިހާނެތި ގޮތަކަށް މަރާލި ހާދިސާ އާއި ގުޅިގެން އެމެރިކާގައި ކުރިޔަށްގެންދާ ވަރުގަދަ މުޒާހަރާތަކާއި ގުޅިގެން އެޤައުމުގެ 40 ސިޓީއެއްގައި ކާފިއުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކާފިއު އިއުލާނުކުރި ސިޓީތަކުގެ ތެރޭގައި އެޤައުމުގެ ވެރިކަންކުރާ ވޮޝިންޓަން ހިމެނޭހެން 15 ސްޓޭޓެއްގެ ސިޓީތައް ހިމެނެއެވެ. މި ސިޓީތަކުގައި ކާފިއު އިއުލާނުކޮށް މިހާރު އެމެރިކާ އަސްކަރިއްޔާގެ ސިފައިން ހިމެނޭހެން ސަލާމަތީ ބާރުތައް ވަނީ ނެރެފައެވެ.

މީގެ ހަފްތާއެއްހައި ދުވަސްކުރިން ފުލުހުން މަރާލި ޖޯޖް ފްލޮއިޑް ނަމަކަށްކިޔާ ކަޅުނަސްލުގެ މީހާ އާއި އޭނާގެ އާއިލާއަށް އިންސާފު ޤާއިމްކޮށްދިނުމަށް ގޮވާލައި ކުރަމުންދާ މި މުޒާހަރާގެ ބައިވެރިން ދުވަހެއް ދުވަހަކަށް އިތުރުވެ، އެމެރިކާގެ ރިޔާސީ ގަނޑުވަރަށްވެސް ވަނީ ނުރައްކާ ކުރިމަތިކޮށްފައެވެ.

މިކަމާއި ގުޅިގެން އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އޭނާ ވަނީ ބިމު އަޑީގެ ބަންކަރަކަށްވެސް ގެންގޮސްފައެވެ. އަދި ވައިޓް ހައުސްގައި މަސައްކަތްކުރާ މުވައްޒަފުން، އަމިއްލަ ސަލާމަތަށްޓަކައި ގޭގައި މަޑުކުރުމަށް މިހާރު ވަނީ އަންގާފައެވެ.

މި މުޒާހަރާތައް މިހާރު ވައިޓް ހައުސް ހިމެނޭ ސަރަޙައްދުގެ އިތުރުން އެމެރިކާގެ ގިނަ ސަރަޙައްދުތަކެއްގައި ކުރިޔަށްދާއިރު، މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ފްލޮއިޑް މަރާލުމުގައި ބައިވެރިވި ފުލުހުންނަށް ހައްޤު އަދަބު ދިނުމަށެވެ.

މުޒާހަރާތައް ހޫނުވުމާއި ގުޅިގެން ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން ހުރި ފުލުސް މީހާ ހައްޔަރުކޮށް އޭނާއަށް ދައުވާވެސް އުފުލާފައި ވާއިރު، އެ ދަޢުވާ އަކީ އޭނާ ކުރި ކުށާއި އެކަށީގެންވާ ދަޢުވާއެއް ކަމަށް މުޒާހަރާގެ ބައިވެރިން ޤަބޫލެއް ނުކުރެއެވެ. އަދި އޭނާގެ އިތުރުން މި އަނިޔާވެރި އަމަލުގައި ބައިވެރިވި އެހެން ފުލުހުންވެސް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަކީ މުޒާހަރާ ކުރާ ފަރާތްތަކުގެ ޑިމާންޑެކެވެ.

ފްލޮއިޑް މަރާލި ހާދިސާއަށްފަހު، މުޒާހަރާތައް ފެށުމުން އެމީހުން ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ބައެއް މީހުން އަދިވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް، ބަރަކް އޮބާމާ ހިމެނިވަޑައިގަންނަވާހެން އެޤައުމުގެ އިސް ބައެއް ބޭފުޅުންނާއި އާންމުންގެ ގިނަ ބަޔަކު އެ އަމަލު ކުށްވެރި ކުރަމުންދާއިރު، ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއެއް ވެސް މީގެ ކުރިން މީސްމީޑިއާގައި ދައުރުވެފައި ވެއެވެ. އެ ވީޑިއޯއިން ފެންނަނީ ފުލުހުންތަކެއް ފްލޮއިޑް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭގެތެރެއިން ފުލުހަކު އޭނާގެ ކަރަށް ފައިން އަރައި ހާސްކޮށްލާ މަންޒަރެވެ. އެވަގުތު ނޭވާ ނުލެވޭ ކަމަށް ބުނެ އޭނާ ހަޅޭލަވަމުން ދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެމެރިކާގައި ހާއްސަކޮށް ކަޅު ނަސްލުގެ މީހުން ފުލުހުންގެ ހަމަލާތަކުގައި މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ފުލުހުންގެ މައްޗަށް އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާއެއް ނުއުފުލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޑައެލޯގް

  ތިޔައީދޯ އަންނިމެން އެބުނާ ބޮޑު ޑިމޮކްރަސީއަކީ

  21
  4
 2. އަލްޖިބްރާ

  ތި ދެން އަނެއް ޖަރީމާ ހިންގަން އެމެރިކާ ފުލުހުން ނުކުންނަންވީ ! ކާފިއު އާއި ޚިލާފު ވީއޭ ކިއާފަ މީހުންގަޔަށް ބަޑިޖަހާ މަރާނެ !

  11