ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1232 މީހަކު މަރުވެއްޖެ އެވެ. މިއީ އެޤައުމުން މިހާތަނަށް މި ބަލީގައި އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ދުނިޔެއިން އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމަކީވެސް ބްރެޒިލް އެވެ.

ބްރެޒިލް އިން މި ބަލީގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު، މިހާތަނަށް އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 556,668 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 27,263 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއީ އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވި ފަހަރުވެސް މެއެވެ.

ބްރެޒިލް އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

ދުވަހެއް ދުވަހަކަށް ބްރެޒިލްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، ފަހަކަށް އައިސް އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 240,627 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ބްރެޒިލް އަކީ އެމެރިކާ އާއި އިންޑިއާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލް އިން ކޮވިޑް-19 ގެ ވޭދަނައެއް އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މާރިޗު 20 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 330 މީހަކު އެޤައުމުން ބައްޔަށް ފައްސިވެފައިވާކަން ހާމަވެފައި ވެއެވެ.

ބްރެޒިލް އަށް ކޮވިޑް-19 ނުރައްކާ ބޮޑުވަމުން މިދަނީ، މި ބަލީގެ ކުރީކޮޅު އެޤައުމުގެ ރައީސް ޖައިރު ބޮލްސެނާރޯ، އެޤައުމުގައި ބަލި ނުފެތުރޭނެ ކަމަށް ބުނެ ދުނިޔެ ކުރިމަތިލަމުން މިދާ ހާލަތަށް "ޖޯކު" ޖަހައި މަލާމާތްކޮށްފައި ވަނިކޮށެވެ. އޭނާ ބުނެފައިވަނީ ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެއް ކަމަށެވެ. އެހެންކަމުން މި ބަލިން ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމާއި އޭނާ ދެކޮޅެވެ.

އެހެން ޤައުމުތަކުން ކޮވިޑް-19 އަށް އަޅާ ފިޔަވަޅުތަކަށްވެސް ފާޑުކިޔަމުން ބޮލްސެނާރޯ ކުރިން ބުނެފައިވަނީ ބްރެޒިލްގެ ރައްޔިތުންނަކީ "ކޮވިޑް ފްރީ" ބައެއް ކަމަށެވެ. އެގޮތުން އެޤައުމުގެ ރައްޔިތުން ނަޖިސްފެން ދައުރުވާ ޖަންގްޝަނަކަށް ފައިބައި ތިބި ނަމަވެސް ބަލި ޖެހުމުގެ މާބޮޑު ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.