ނަސްލީ ތަފާތުތަކާއި ދެކޮޅަށް މަސައްކަތްކޮށް އިޖުތިމާއީ އެއްބައިވަންތަކަން އާލާކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ، މައިކަލް ޖޯޑަންގެ ފަރާތުން ސަތޭކަ މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ޖޯޑަން އާއި ޖޯޑަން ބްރޭންޑުގެ ފަރާތުން ހަދިޔާކުރާ މި ފައިސާ، ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް މަސައްކަތްކުރާ ޖަމިއްކާތަކަށް ދޭން ނިންމާފައި މިވަނީ، އެމެރިކާގައި ދާދިފަހުން ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ނަމަކަށްކިޔާ މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މަރާލި ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ތެދުވެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޖޯޑަން ބުނެފައިވާ ގޮތުން ޖަމިއްޔާތަކަށް ފައިސާ ދިނުމަށް ނިންމާފައި ވަނީ ކުރިޔަށް އޮތް ދިހަ އަހަރަށް ބަހާލައިގެންނެވެ. މިގޮތުން ހަދިޔާކުރާ ފައިސާއިން ނަސްލީ ތަފާތުކުރުންތައް ހުއްޓުވުމަށް އެކި ޕްރޮގްރާމްތައް ހިންގުމާއި، މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ހިމަނާފައި ވެއެވެ.

ޖޯޑަން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ހަޤީޤީ މަސައްކަތް ކުރަން ޖެހޭ އިދާރާތައް ފެއިލްވެފައިވާ ކަމަށެވެ. އެހެންކަމުން މިމައްސަލަ ޙައްލުވަންދެން އޭނާ އާއި އޭނާގެ ކުންފުނިން ކުރާ މަސައްކަތް ހުއްޓާނުލާ ކުރިޔަށްގެންދާނެ ކަމަށް ޖޯޑަން ވަނީ ބުނެފައެވެ.

ފްލޮއިޑް މަރާލި ހާދިސާ އާއި ގުޅިގެން ޖޯޑަން ބުނެފައި ވަނީ އެ ހާދިސާގެ ޚަބަރު އޭނާއަށް ލިބިގެންދިޔައީ ވަރަށް ފުން ހިތާމައެއް ކަމަށާއި، އެކަމުގެ ސަބަބުން ނަސްލީ ތަފާތުކުރުންތައް ހުއްޓުވުމަށް މަސައްކަތް ފެށުމަށް ބޭނުންވީ ކަމަށެވެ. އެހެންކަމުން އެ އަނިޔާވެރި އަމަލާއި ދެކޮޅަށް ތެދުވެތިބި ހުރިހާ ފަރާތްތަކާއެކު އޭނާވެސް ހުރި ކަމަށް ޖޯޑަން ވަނީ ބުނެފައެވެ.

އެމެރިކާ ފުލުހުންގެ އަނިޔާތަކުގެ ސަބަބުން ޖޯޖް ފްލޮއިޑް މަރުވި ހާދިސާއަށް ފަހު އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި މުޒާހަރާތައް ކުރިއަށް އެބަދެއެވެ. ގިނަ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވެސް ދަނީ ހިނގަމުންނެވެ. ފްލޮއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުން ވަޒީފާ އިން ވަކިކޮށް އެމީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.