އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ ބުރުންޑީގެ ރައީސް، ޕިއެއްރޭ ކުރުންޒީޒާ އަވަހާރަވެއްޖެ އެވެ.

ކުރުންޒީޒާ އަވަހާރަވީ ބުރުންޑީގެ އިރުމަތީ ސަރަޙައްދެއް ކަމަށްވާ ކަރޫޒީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.

ބުރުންޑީގެ ސަރުކާރުން މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރުންޒީޒާ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ރައީސް ކުރުންޒީޒާ އަވަހާރަވީ މިދިޔަ ހޮނިހިރު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި އެޤައުމުގައި ކުރިޔަށްދިޔަ ވޮލީބޯޅަ މެޗެއް ބެއްލެވުމަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި ގޮތަކަށް ހާލު ގޯސްވުމާއި ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އެއަށްފަހު އާދީއްތަ ދުވަހު ކުރުންޒީޒާގެ ހާލު ރަނގަޅުވި ކަމަށް ބެލެވުނު ކަމަށާއި ނަމަވެސް ހާޓް އެޓޭކެއް ޖެހުނީ ފަހުން އަނެއްކާވެސް ހާލު އިތުރަށް ގޯސްވެގެން ހޯމަ ދުވަހު ފަރުވާދެމުން ދަނިކޮށް ކަމަށް ބުރުންޑީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކުރުންޒީޒާ އަވަހާރަވުމާއި ގުޅޭގޮތުން ސަރުކާރުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، މީގެ ކުރިން ކުރުންޒީޒާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. މިކަމާއި ގުޅިގެން ކުރުންޒީޒާ އަށް ފަރުވާވެސް ދެމުންދިޔަ ކަމުގެ އަޑު ފެތުރެމުން ދިޔައެވެ. ނަމަވެސް އެކަން އެޤައުމުގެ ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކުރުންޒީޒާ ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން އަންގާރަ ދުވަހުން ފެށިގެން ޤައުމީ ހިތާމައިގެ ހަތް ދުވަސް ކަނޑައަޅައި، އެޤައުމުގެ ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ބުރުންޑީގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.

2005 ވަނަ އަހަރުން ފެށިގެން ބުރުންޑީގެ ވެރިކަމުގައި ހުންނެވި ކުރުންޒީޒާ އަވަހާރަވެފައި މިވަނީ، އެންމެ ފަހުން އެޤައުމުގައި ބޭއްވި އިންތިޚާބުން ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހި، އަންނަ އޮގަސްޓު މަހު މަޤާމުން ދުރުވެވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ.

އުމުރުފުޅުން 55 އަހަރުގައި ކުރުންޒީޒާ އަވަހާރަވިއިރު، އޭނާގެ ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ.