އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ކޮންމެ ކަމެއް ކުރުމުގައި ވެސް އަބަދުވެސް ބަލަނީ ބައިބައިވުން އުފެއްދޭނެ ގޮތެއް އޮތްތޯ ކަމަށާއި އެއީ އޭނާގެ ކަށީގައި ހަރުލާފައިވާ ކަމެއް ކަމަށް އިލިނިއޮސްގެ ސިޓީއެއް ކަމަށްވާ ޗިކާގޯގެ މޭޔަރު، ލޯރީ ލައިޓްފުޑް ބުނެފިއެވެ.

އެމެރިކާގެ މީނިއާޕޮލިސްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖޯޖް ފްލޮއިޑް މަރާލި މައްސަލަ އެޤައުމުގައި ހޫނުވެ މުޒާހަރާތައް ކުރަމުންދާ މި ދަނޑިވަޅުގައި އެކަމާއި ގުޅިގެން ޓްރަމްޕް އަށް ވަޑަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށް ލޯރީ ބުނެފައި ވަނީ، ރައްޔިތުން އެއްބައިވަންތަ ކުރުމުގެ އެއްވެސް ވިސްނުމެއް ޓްރަމްޕް ނުގެންގުޅޭ ކަމަށެވެ.

އަދި ކަމެއް ގޯސްކޮށް ހިނގުމުންވެސް އޭނާ ބަލަނީ އެކަން ފޫބެއްދުމަށްޓަކައި އަމިއްލައަށް ދިފާޢުގައި ބަހެއް ބުނެވޭތޯ ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް ލޯރީ ވަނީ ބުނެފައެވެ.

"އޭނާ އަހަރެމެން އެއްބައިވަންތަ ކުރުމަށް ކުރާ އެއްވެސް މަސައްކަތެއް ނެތް. ބަދަލުގައި މިހާތަނަށް އަބަދުވެސް ބަލަނީ ބައިބައިވުން އުފެއްދޭތޯ. އޭނާ ވެރިކަމާއި ހަވާލުވިފަހުން ވައިޓް ހައުސް އިން ނިންމާ ކޮންމެ ނިންމުމަކީ އިންސާފުން އެއްކިބާވެ ހައްދުފަހަނައަޅާފައިވާ ނިންމުމެކޭ ބުނެވިދާނެ،" މޭޔަރު ލޯރީ ބުނެފައި ވެއެވެ.

ލޯރީ މިގޮތަށް ބުނެފައިވަނީ، އެމެރިކާގައި ނަސްލީ ތަފާތުކުރުންތަކާއި ގުޅިގެން ބާއްވަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކަށް ޓްރަމްޕް ތަކުރާރުކޮށް އިންޒާރު ދީފައި ވަނިކޮށެވެ. މިކަމުގެ ސަބަބުން މުޒާހަރާތައް ވަނީ އިތުރަށް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެގެން ގޮސްފައެވެ.

ލޯރީގެ ފާޑުކިޔުން ޓްރަމްޕް އަށް އަމާޒުކޮށްފައި ވާއިރު، އެމެރިކާގެ އެހެން ސްޓޭޓްތަކާއި ސިޓީތަކުގެ ވެރިންވެސް އަންނަނީ ޓްރަމްޕް އާއި މެދު ހިތްހަމަނުޖެހޭކަން ފާޅުކުރަމުންނެވެ. ހަމަ އެހެންމެ އެމެރިކާގެ ކުރީގެ ރައީސުން ހިމެނިވަޑައިގަންނަވާހެން އެޤައުމުގެ ސިޔާސީ އިސް ބައެއް ބޭފުޅުންގެ ފާޑުކިޔުންވެސް ޓްރަމްޕް އަށް އަމާޒުވެފައި ވެއެވެ.