ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިންޑިއާއިން އިތުރު 2006 މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން، އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ކުއްލި ގޮތަކަށް މިހާބޮޑަށް އިތުރުވެފައި މިވަނީ، ކުރިން ބައެއް ސްޓޭޓުތަކުން މަރުވި ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ކަށަވަރު ވުމުންނެވެ.

މިގޮތުން މީގެ ކުރިން މަހާރަޝްތްރާ ސްޓޭޓުން މަރުވި 1235 މީހަކާއި، ދިއްލީން މަރުވި 437 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން އިއްޔެ ވަނީ ހާމަވެފައެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ މި މަހުގެ ތެރޭގައެވެ. މި އަދަދުތައް މީގެ ކުރިން އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދުގައި ހިމަނާގައި ނުވަނީ، ސްޓޭޓުތަކުން ނެރެފައިވާ ތަފާސްހިސާބުތައް ދިމާނުވާ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން އިތުރަށް ބެލި ބެލުމުން ކަމަށް ނޫސްތައް ބުނެއެވެ.

އިދާރާތަކުން ބުނާގޮތުން އިންޑިއާއިން އިއްޔެ އެކަނިވެސް ޖުމްލަ 334 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވެއެވެ. މީގެ ތެރެއިން 94 މީހަކު މަރުވެފައި ވަނީ ދިއްލީންނެވެ. މިއާއެކު މިހާރު އިންޑިއާއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 11923 އަށް އަރާފައެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނައިރު، އެޤައުމުން ބަލި ފެނުނުތާ 80 ދުވަސްތެރޭ މަރުވި މީހުންގެ އަދަދު ވަނީ ފަސްހާހަށް އަރާފައެވެ. އޭގެ ފަހުން އެންމެ 17 ދުވަސް ތެރޭ މި އަދަދު ވަނީ ދިހަ ހާހަށް އަރާފައި ވާއިރު، މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ އެކަނިވެސް މަރުވި މީހުނެގެ އަދަދު 2500 އަށްވުރެ އިތުރެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 11,135 މީހަކު ހިމެނޭހެން އިންޑިއާއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 354,161 އަށް އަރާފައެވެ.

އިންޑިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދެކުނު އޭޝިއާ ސަރަޙައްދުން ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އަދި އެޤައުމަކީ އެމެރިކާ އާއި ބްރެޒިލް ފިޔަވައި މިހާރު އެންމެ ހަލުވިކަމާއެކު މިބަލި ފެތުރެމުންދާ ޤައުމަކީވެސް އިންޑިއާ އެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 187,552 މީހެކެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 154,688 މީހަކަށެވެ. ނަމަވެސް އޭގެތެރެއިން 8944 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ.

އިންޑިއާ އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު