މި އަހަރުތެރޭގައި މެދުއިރުމަތީގައި އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން މެދުވެރިވި އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ޓެލް އަވިވްގައި ހުންނަ އެގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ނިންމި ފިޔަވަޅެވެ.

އެ ފިޔަވަޅާއިއެކު ފަލަސްތީނުގެ އެތައް ބަޔަކު ނުރުހުން ފާޅުކުރިއިރު އެމެރިކާގެ އެކުވެރި ޔޫރަޕްގެ އެކި ގައުމުތަކުންވެސް ވަނީ އެ މައްސަލައިގައި އެމެރިކާގެ ނިންމުން އަބުރާ ގެންދިޔުމަށް ގޮވާލައިފައެވެ. އެހެންނަމަވެސް އެމެރިކާގެ ހައްދުފަނައަޅާފައިވާ ރައީސް، ޑޮނާލްޑް ޓްރަމްޕް ވަނީ އެ މައްސަލައިގައި ބޯހަރުކަން މަތީގައި ހުރުމަށް ނިންމައިފައެވެ.

މިހާރު އެގޮތަށް ކަންތައް ނިމިފައިވާއިރު ދެން އިވިގެން މިދިޔަ ހަބަރަކީ ގުދުސްގައި ހުޅުވާ އެމެރިކާގެ އެމްބަސީގެ ހުޅުވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ފަރާތުން ޒިޔާރަތްކުރާނޭކަމަށް އިސްރާއީލުން ނިންމާފައިވާ މެހެމާނުންގެ ލިސްޓުގައި އެ ފިޔަވަޅުގެ ފަހަތުގައި ހުރި މައި މީހާ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ނަން ނުހިމަނާ ހަބަރެވެ.

އެ ރަސްމިއްޔާތަށް ޓްރަމްޕް ހާޒިރުނުވަނީ އަމިއްލަ ސަބަބުތަކާއިހުރެތޯ ނުވަތަ ސަލާމަތީ ކަންކަމަށްޓަކައިތޯ ނުވަތަ އިސްރާއީލުން ދައުވަތު ނުދިނުމުންތޯ ސުވާލު އުފެދިފައިވާއިރު ރައީސް ޓްރަމްޕްގެ ދަރިފުޅު އިވަންކާ އަދި އިސް އެތައް އޮފިޝަލުންނެއް އެ ރަސްމިއްޔާތަށް ހާޒިރުވުމަށް ދައުވަތުއަރުވާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ ރަސްމިއްޔާތަށް ހާޒިރުވުމާއި ދޭތެރޭ ޓްރަމްޕްއާއި ސުވާލުކުރެވުމުން ޓްރަމްޕް ވަނީ ފަހަރެއްގައި ރަސްމިއްޔާތަށް ހާޒިރުވެދާނެކަމަށް ބުނެފައެވެ. އެއީ އެމެރިކާގެ ރައީސްގެ ފަރާތުން ވަރަށް ގިނަ ކަންކަމުގައި ލިބޭ ޖަވާބެއްކަމަށް ބައިނަލްއަގްވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެފަދަ ބޮޑު ފިޔަވަޅެއްގެ ނަތީޖާ ދެކިލަން ޓްރަމްޕް އިސްރާއިލުގެ ރަސްމިއްޔާތަށް ހާޒިރުނުވާންވީ ސަބަބެއް އެފަރާތްތަކަށް ވަނީ ނުހޯދިފައެވެ.

ކިޔުންތެރިންގެ ހިޔާލު