ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އެކުލަވާލާފައިވާ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް މާސްކު އަޅައިގެން އުޅުމަށް ބްރެޒިލްގެ ކޯޓަކުން އެޤައުމުގެ ރައީސް، ޖައިރު ބޮލްސޮނާރޯ އަށް އަމުރުކޮށްފިއެވެ.

ކޯޓުން މިގޮތަށް އަމުރުކޮށްފައި ވަނީ، ބޮލްސޮނާރޯ އިސްވެ ހުރެ ބްރެޒިލްގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ތަކުރާރުކޮށް ނުކިޔަމަންތެރިވެ، އެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައި މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ބްރެޒިލްގައި ރައްކާތެރިކަމުގެ މިންގަނޑުތައް އެކުލަވާލައި އާންމު ތަންތަނުގައި އުޅޭ ހުރިހާ ފަރާތްތަކުން ވެސް މޫނު ނިވާކުރުމުގެ އުސޫލު އިއުލާނުކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުއެވެ. އެއަށްފަހު އެ އުސޫލަށް މިހަތަނަށް ލުޔެއް ދީފައި ނުވީނަމަވެސް ބޮލްސޮނާރޯ އަށް ތާއީދުކުރާ ގިނަ ބަޔަކު ދަނީ އުސޫލާއި ޚިލާފުވަމުންނެވެ.

ބްރެޒިލްގެ ކޯޓުން ބޮލްސޮނާރޯ އަށް ކޮވިޑް-19 ގެ އުސޫލަށް ތަބާވުމަށް އަންގައި ކުރި އަމުރުގައި ވަނީ، ރައްކާތެރިކަމުގެ މިންގަނޑުތަކެއް އެކުލެވިފައި ވަނީ މުޅި ޤައުމުގެ ހުރިހާ ރައްޔިތުންގެ ހައްޤުގައި ކަމަށެވެ. އެހެންކަމުން ވަކި ބަޔަކަށް މި އުސޫލާއި ޚިލާފަށް އުޅުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ކޯޓުން ބުނެފައި ވެއެވެ. މި އަމުރުގައި ބްރެޒިލްގެ ކެބިނެޓް މިނިސްޓަރުން ވެސް އުސޫލަށް ތަބާވުމަށް އަންގާފައި ވެއެވެ.

ބޮލްސޮނާރޯގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އޭނާ ބްރެޒިލްގެ އެކި ސަރަޙައްދުތަކުގައި އެއްވުންތައް ބާއްވައި، ގައިދުރުކަމުގެ މިންގަނޑާއިވެސް ޚިލާފުވަމުން އަންނަ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. މި މައްސަލަ އޭނާއަށް ދެކޮޅަށް ހުށަހެޅީ ބްރެޒިލްގެ ވަކީލުންގެ ޓީމަކުންނެވެ. އެފަރާތްތަކުން ބުނެފައިވަނީ ބޮލްސޮނާރޯގެ ފަރާތުން ފެންނަމުން ދަނީ ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ކަމަށެވެ.

ބޮލްސޮނާރޯ ޤަބޫލުކުރާ ގޮތުން ކޮވިޑްގެ ބަލިމަޑުކަމަކީ އާދައިގެ ރޯނގާއެކެވެ. އެހެންކަމުން މި ބަލި ފެތުރެމުންދިޔަ ނަމަވެސް ރައްކާތެރިކަމުގެ ވަކި ޚާއްސަ މިންގަނޑުތަކެއް އެކުލަވާލުމާއި އޭނާ ދެކޮޅެވެ. އަދި ހަމައެހެންމެ މި ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި ފުރަބަންދު ކޮށްފައި ބޭއްވުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ. އަދި ފުރަބަންދުގެ ސަބަބުން ކޮވިޑް-19 އިން ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ޤައުމަށް ލިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް މަލާމާތްކޮށް ބޮލްސެނާރޯ ކުރިން ބުނެފައި ވަނީ ބްރެޒިލް އަކީ ދުނިޔެއިން ހަމައެކަނި "ކޮވިޑް ފްރީ" ޤައުމު ކަމަށެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ނެތް ކަމަށް ބުނެ ކުރިން އޭނާ ވަނީ، ނަޖިސްފެން ދައުރުވާ ޖަންޝަންތަކަށް ފޭބިޔަސް އެޤައުމުން މި ބަލި ނުޖެހޭނެ ކަމަށް ބުނެފައެވެ.

ބޮލްސެނާރޯގެ މި ވާހަކަތަކާއި ގުޅިގެން ބްރެޒިލްގެ ރައްޔިތުންވެސް ކަންބޮޑުވެފައި ވަނިކޮށް އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ބްރެޒިލްގައި ވަނީ ކުރިން ބަލި ނުފެތުރޭހައި ހަލުވިމިނުގައި މި ބަލި ފެތުރެން ފަށައި، ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމަށް ވެގެން ގޮސްފައެވެ. އެއާއެކު ބޮލްސެނާރޯގެ އަޑު މިހާރު ވަނީ ކެނޑިފައެވެ.

ބްރެޒިލް އަކީ މިހާރު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ، މިބަލީގައި ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ. މިހާރު މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެނީވެސް ބްރެޒިލްގައެވެ. އެގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އެހެންޤައުމުތަކުން ފެންމަތިނުވާ ވަރަށް ބަލީގެ ވޭދަނަ (ކޭސް) ތައް ބްރެޒިލް އިން އަންނަނީ ފެންމަތިވަމުންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ބްރެޒިލް އިން މިހާތަނަށް ޖުމްލަ 1.2 މިލިއަނަށް މީހަކު ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެޤައުމަކީ މި ބަލި ޖެހިގެން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.