ޕާކިސްތާނުގައި 30 ޕަސަންޓު ޕައިލެޓުންގެ އަތުގައި އޮންނަނީ ފޭކް ލައިސަންސްތަކެއް ކަމަށާއި އެމީހުންނަކީ ގާބިލް ބައެއް ނޫން ކަމަށް އެ ގައުމުގެ އޭވިއޭޝަން މިނިސްޓަރު ގުލަމް ސަރްވާން ހާން މިދިޔަ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީގައި ގުލަމް ސަރްވާރް ހާން ވިދާޅުވީ އެ ގައުމުގައި ތިބި 262 ޕައިލެޓުން އެއްވެސް އިމްތިހާނެއްގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި ފައިސާ ދީގެން އެމީހުންގެ ނަމުގައި އެހެން ބައެއް އިމްތިހާންގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހުންގެ އުދުހުމުގެ ގާބިލް ކަމެއް ނެތް،" ޕާކިސްތާންގެ އޭވިއޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ޑޮމެސްޓިކް އެއާލައިންތަކުގައި މަސައްކަތް ކުރާ ޕައިލެޓުންގެ އަދަދު 860 އަށް އަރައެވެ. އޭގެ ތެރޭގައި ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގައި މަސައްކަތް ޕައިލެޓުން ވެސް ހިމެނެއެވެ.

ޕީއައިއޭ އިން ވަނީ ފޭކް ލައިސަންސް އަތުގައި އޮތް ހުރިހާ ޕައިލެޓުން މަސައްކަތުން އެކަހެރިކޮށްފައެވެ.

އޭވިއޭޝަން މިނިސްޓްރީގެ ތަރުޖަމާނު އަބްދުﷲ ހާން ވިދާޅުވީ ފޭކް ލައިސަންސްތަކަކީ ޕީއައިއޭ އިން ދީފައި ހުރި އެއްޗެހިތަކެއް ނޫން ކަމަށެވެ. އަދި ފޭކް ލައިސަންސް ބޭނުންކޮށްގެން ބައެއް އެހެން ބޯޓުތަކުގައި ޕާކިސްތާން ޕައިލެޓުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާންގައި މިފަދަ މައްސަލައެއް ފެންމަތިވެފައި ވަނީ، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ މަތިންދާ ބޯޓެއް 97 މީހުންނާ އެކީގައި ދަތުރުކުރަނިކޮށް ވެއްޓި، ބޯޓުން ދަތުރު ކުރި ތިން މީހުން ފިޔަވައި އެންމެން މަރުވި ހާދިސާއަށް ފަހުއެވެ.

އެކަމަކު، އެބޯޓުގައި ދުއްވަން ތިބި ޕައިލެޓުންގެ އަތުގައި ފޭކް ލައިސަންސެއް އޮތް ކަމެއް ނުވަތަ ނޫން ކަން ތަރުޖަމާނު ވިދާޅެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ބޯޓު ނައްޓާލި ވަގުތު ޕައިލެޓުން މަސައްކަތް ކުރަމުން ދިޔައީ، ކޮވިޑް-19 އާ ބެހޭ މައުލޫމާތު ހޯދުމަށެވެ. އަދި އެއާ ޓްރެފިކް ކޮންޓްރޯލުން ދިން އިންޒާރުތަކަށް ޕައިލެޓުން ބޯލަނބާފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔައެނޮނިމަސް

    އިސްލާމީ ގައުމުތަކުގަ އާންމުކަމެއް ތިކަހަލަ ވައްކަން