އެމެރިކާ އިން އިއްޔެ ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ފައްސިވެއްޖެއެވެ.

"ވޯލްޑް މީޓާ" އިން ބުނާ ގޮތުގައި އިއްޔެ އެމެރިކާ އިން 47341 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް "ނިއުޔޯކް ޓައިމްސް" އިން ބުނާ ގޮތުގައި އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 44000 މީހުންނެވެ. މިއިން ކޮންމެ އަދަދަކަށް ބެލި ނަމަވެސް އިއްޔެ އަކީ މިހާތަނަށް އެމެރިކާ އިން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފަހަކަށް އައިސް ދުވަހުން ދުވަހަށް އިތުރު ވަމުން އައި ނަމަވެސް މަރުވާ މީހުންގެ އަދަދު މަދެވެ. އިއްޔެ ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވެފައި ވަނީ 663 މީހުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެ އަކީ އެމެރިކާގެ ހަ ސްޓޭޓަކުން މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ވެފައި ވަނިކޮށް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންޗް ރޭ ވައިޓް ހައުސްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ޓްރަމްޕްގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް-19 މައްޗަށް ކާމިޔާބު ހޯދިފައިވާ ކަމަށެވެ.

"ޓްރަމްޕްގެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ލަސް ކުރެވިއްޖެ. ކާވް ފްލެޓް ކުރެވިއްޖެ. އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ." ޕެންޗް ވިދާޅުވިއެވެ.

ޕެންޗް ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށް މިހާރު ތަފާސް ހިސާބުތަކުން ދައްކަނީ، ޓެސްޓް ކުރުން އިތުރު ކުރުމުން ކަމަށެވެ. އެހެންކަމުން ފައްސިވާ މީހުންގެ އަދަދު އިތުރުވާ ޚަބަރު އެއީ "ރަނގަޅު ޚަބަރެއް" ކަމަށް ޕެންޗް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވާން ފެށުމުން މިހާރު ބައެއް ސްޓޭޓްތަކުގެ ރެސްޓޯރެންޓްތަކާއި ބީޗްތަކާއި ޕާކްތައް ވަނީ ބަންދުކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު