ކޮވިޑް-19 ޖެހިފައިވާ އިތިއޯޕިއާގެ އުމުރުން 114 އަހަރުގެ މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

އަބާ ތިލަހުން ނަމަކަށް ކިޔާ މި މީހާ ބަލިން ރަނގަޅުވެފައިވާއިރު، މިއީ ދުނިޔެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެކަމަށް އެންމެ އެދެވޭ ޖަވާބެއް ނުލިބިފައިވަނީ އޭނާގެ އުފަންދުވަހުގެ ސެޓްފިކޭޓް ނެތުމުންނެވެ.

އަބާގެ އާއިލާއިން އޭނާގެ އުމުރަކީ 114 ކަމަށް ބުނެފައިވާއިރު، އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ އޭނާގެ އުމުރު ސީދާ ޔަގީން ކޮށް ބުނެދޭން ނޭނގޭ ކަމަށެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގިފައިވަނީ އެގައުމުގައި ކުރަމުން އަންނަ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. ކޮވިޑް-19 އަށް ފައްސިވުމުން އޭނާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ވަނީ ފަށާފައެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު، އެއްވެސް ކަހަލަ އަލާމާތެއް ނުފެންނަ ކަމަށް އެގައުމުގެ ބައެއް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އޭނާ ގައިން އަލާމާތްތައް ފެނި، ހާލު ދެރަވެގެން އައިސީޔޫއަށް ލާފައިވަނީ އެޑްމިޓް ކުރިތާ ހަތަރު ވަނަ ދުވަހުއެވެ. އޭގެ ފަހުން ޑޮކްޓަރުން ވަނީ ވަރަށް ގާތުން އޭނާގެ ހާލު ބަލައި ފަރުވާ ދީފައެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ 14 ދުވަހު ފަރުވާ ދިނުމަށްފަހުއެވެ.

އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ އިތުރުން ދާއިމަށް އެކި ބަލި ތަކަށް ބޭސް ފަރުވާ ކުރާ މީހުންނަކީ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު މީހުން ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.

އިތިއޯޕިއާގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 5,425 މީހުން ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 89 މީހަކު ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހިގެން 1,688 މީހަކު ރަނގަޅުވެފައިވާއިރު، ފަރުވާ ދެމުން އަންނަ 3,648 މީހުންގެ ތެރެއިން 27 މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު