ކޮވިޑް-19 ބަލި ޖެހިފައިވާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސްޕެއިންގެ ވެރިރަށް މެޑްރިޑް ޑްރޯން ބޭނުން ކޮށްގެން ދިއްލާލައިފިއެވެ.

ސާޅީސް ވަރަކަށް ޑްރޯން ބޭނުން ކޮށްގެން މެޑްރިޑް ދިއްލާލާފައިވަނީ 10 ވަރަކަށް މިނަޓް ވަންދެން ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ވަކި ގޮތަކަށް އަރުވާފައިވާ މި ޑްރޯންތަކުން ބަލި ޖެހިފައިވާ މީހުންނަށް ހިތްވަރު ދިނުމުގެ އިތުރުން ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުން އަންނަ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ އަގުވެސް ވަނީ ވަޒަން ކޮށްފައެވެ.

މި ޑްރޯން އަރުވާފައިވާ ގޮތުން ދިއްލިފައިވަނީ "ހޯޕް" އަދި "ހީރޯ" މި ދެބަސް ދައްކުވައިދޭ ގޮތަށެވެ.

މީގެ އިތުރުން މި ބަލި ފެތުރިފައިވާ ގައުމުތަކުން އެންމެ ހާލުގައި ޖެހި ގިނައިން މީހުން މަރުވެފައިވާ ގައުމުތަކުގެ ދިދަވެސް މި ޑްރޯން މެދުވެރިކޮށް ވަނީ ދައްކުވައިދީފައެވެ. އޭގެ ތެރޭގައި އިޓަލީ، ފްރާންސް، ޗައިނާ އަދި އެމެރިކާ ހިމެނެއެވެ.

ކޮވިޑް-19 ދުނިޔޭގެ 213 ގައުމަކަށާއި ސަރަހައްދަކަށް ފެތުރިފައިވާއިރު، މިހާތަނަށް މި ބަލި ޖެހިގެން 9 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 4 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ސްޕެއިން އިން މި ބަލި ޖެހިގެން 2 ލައްކައަށްވުރެ ގިނަ މީހުން ފެނިފައިވާއިރު، މެޑްރިޑްގައި މި ބަލި ޖެހިފައިވާ 71,000 ވުރެ ގިނަ މީހުން އެބަ ތިއްބެއެވެ. ސްޕެއިން އިން މި ބަލި ޖެހިގެން މިހާތަނަށް އެއްލައްކަ އަށްވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު، 28,338 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޅުންތެރިއެއް

    ވަވް އިމްޕްރެސިވް

    1
    1