ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވާން އަދި މަސްތަކެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް އެންޓިބޮޑީ ފަރުވާއެއް ކޮވިޑް-19 އަށް ހޯދި، އެފަރުވާ ވަރަށް އަވަހަށް ބޭނުން ކުރަން ފެށިދާނެ ކަމަށް އެމެރިކާގެ ސައިންސްވެރިންނާއި ހަވާލާދީ "ސީއެންއެން" އިން ބުނެފިއެވެ.

މިއަދު "ސީއެންއެން" އިން ބުނީ މީގެ ކުރިން ވެސް މިފަދަ ބައެއް ރޯގާތަކުގައި ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރި "ކޮންވަލެސެންޓް ޕްލަސްމާ" ފަރުވާ ކޮވިޑް-19 އަށް ބޭނުން ކުރެވިދާނެ ކަމުގެ ހެކިތައް މިހާރު އެމެރިކާގެ ޑޮކްޓަރުންނަށް ލިބިފައިވާ ކަމަށެވެ.

މިއީ މީގެ ކުރިން ސްވައިން ފްލޫ، މާސް އަދި ސާސް އަށް ވެސް ބޭނުންކޮށް ރަނގަޅު ނަތީޖާތަކެއް ލިބިފައިވާ ފަރުވާއެކެވެ.

ޕްލާސްމާ ތެރަޕީގައި އެންޓިބޮޑީ-ރިޗް ލޭ ކޮވިޑް-19 ގެ ބަލި މީހުންނަށް އަޅަ އެވެ. ކޮވިޑް-19 ޖެހިފައިވާ މީހުންގެ ދިފާއީ ނިޒާމް ވަރުގަދަވެ ވައިރަހަށް ހަމަލާ ދެވޭވަރަށް އެންޓިބޮޑީސް އުފައްދާ ކަމަށް ބުނެ އެވެ. ލޭގެ ފެންބައި ނަގައިގެން ދޭ މިފަރުވާ އެމެރިކާގެ އިތުރުން ޗައިނާ އާއި އިންޑިއާ އަދި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކާމިޔާބު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕްލާސްމާ ހަދިޔާ ކުރަން ތިބި މީހުންގެ އަދަދު މަދުވުމުން އެކަމަށް ހައްލެއް ހޯދާނެ ގޮތް ސައިންސްވެރިން މިހާރު ވަނީ ދެނެގެންފައެވެ. އެއީ ލެބްގައި އެންޓިބޮޑީގެ ބައެއް އުފައްދައިގެންނެވެ. މިގޮތައް އުފައްދާ އެންޓިބޮޑީ އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެމެރިކާގެ ސައިންސްވެރިން އުއްމީދު ކުރަނީ ނަތީޖާ ރަނގަޅު ނަމަ ކުރިއަށް އޮތް މަހެއް ނުވަތަ ދެމަސް ތެރޭގައި މިފަރުވާ، އާއްމު ގޮތެއްގައި ބޭނުން ކުރެވޭ ވަރުގެ ފަރުވާއަކަށް ހެދިދާނެ ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނައިރު ސައިންސްވެރިން އެއްބަސްވާ ކަމަކީ މިހާރު އުފައްދާފައިވާ ބޭހެއް، ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރެވޭނެ ގޮތް ހެދުން، ނުވަތަ ވެކްސިނަށް ވުރެ އަވަހަށް ޓެސްޓްކޮށް، ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަރުވާއެއް ހޯދުން އެއީ ކޮވިޑް-19 އިން އަވަހަށް ސަލާމަތް ވުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަރޭ

    ވާނުވާ ނޭނގޭ ކަމެއް. އެއްފަހަރު ބުނާނެ މިހަަރު ވެކްސިން ލިބިއްޖޭ. އަނެއް ފަހަރު ބުނާނެ ފެއިލް ވެއްޖޭ. ތަންކޮޅެއް ކުރިން އޮތް ލިޔެފަ 3 ކުންފުންޏަކައް ވެކްސިން މާސް ޕްރޮޑަކްޝަންއަށް ހަވާލު ކޮއްފީމޭވެސް