ކޮވިޑް-19 ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން އިންޑިއާގައި 10,000 އެނދުގެ ފެސިލިޓީއެއް މިހަފްތާގެ ތެރޭގައި ހުޅުވަން ނިންމައިފިއެވެ.

ދިއްލީގައި ހުޅުވާ މި ފެސިލިޓީ ވެގެން ދާނީ އިންޑިއާގައި މިހާތަނަށް ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުޅުވާ އެންމެ ބޮޑު ފެސިލިޓީއަށެވެ.

އެގައުމުގެ ސަރުކާރުންނާއި ހަވަލާދީ ނޫސްތަކުން ބުނެފައިވަނީ މިއަދުން ފެށިގެން 2,000 އެނދު ބޭނުން ކުރެވޭނެ ކަމަށާއި ބާކީ 8,000 އެނދު ބުދަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭ ކަމަށެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހުގެ އިތުރުން ދިއްލީގެ ޗީފް މިނިސްޓަރ އަރުވިންދް ކެޖްރިވަލް ވަނީ މި ފެސިލިޓީ ބައްލަވާލައްވާފައެވެ. ޝާހް ވިދާޅުވެފައިވަނީ މި ފެސިލިޓީގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ފަރުވާ ދެވޭނެ ކަމަށާއި މިއީ ކޮވިޑް-19 ބައްޔާއި ދެކޮޅަށް އިންޑިއާއިން ކުރަމުން އަންނަ ކަމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

މި ފެސިލިޓީ ހިންގުމަށް ހަވާލު ކޮށްފައިވަނީ "އިންޑޯ ޓެބެޓަން ބޯޑަރ ޕޮލިސް" އާއި ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ޝާހު ވިދާޅުވީ، އެ ފުލުހުން ގައުމަށްޓަކައި ކޮށްދެއްވާ ކަންކަމަށްޓަކައި ހުރިހާ ރައްޔިތުން ޝުކުރުވެރިވާ ކަމަށެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 529,889 މީހަކު ފެނި، 16,112 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރެއިން 77,240 މީހަކު ދިއްލީން ވަނީ ފައްސިވެފައެވެ. އަދި އެ ސިޓީން 2,492 މީހަކު ވަނީ މަރުވެފައެވެ.

އެ ގައުމުގެ ހޮސްޕިޓާތަކާއި ސިއްޙީ ޙިދުމަތް ދޭ ތަންތަން ފުރި ބާރުވުމުގެ ސަބަބުން ސަރުކާރުން ވަނީ މި ބަލި ޖެހޭ މީހުން، އަދި އައިސޮލޭޝަން އަށް ފޮނުވާ ފަރާތްތަކަށް ފަރުވާ ދިނުމަށް މީގެ ކުރިން ރެއިލް ސްޓޭޝަންތައްވެސް ހިދުމަތް ދޭ ތަންތަނަށް މީގެ ކުރިން ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު