ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 384 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 ޖެހިގެން މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އިންޑިއާއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16,487 އަށް އަރާފައެވެ. މީގެ ތެރޭގައި މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭގައި މަރުވި 2800 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

އިންޑިއާއިން އިއްޔެ އެކަނިވެސް 19,620 މީހަކު އަލަށް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ފަހަރެވެ. މިއާއެކު އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 549,197 އަށް އަރާފައެވެ.

އިންޑިއާއަށް ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ. މިގޮތުން އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އިންޑިއާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ޤައުމެވެ. އެޤައުމަކީ މި ބަލީގައި ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 321,774 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެޤައުމުގައި ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސްއެވެ.

އެމެރިކާ ފިޔަވައި ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީ ވެސް އިންޑިއާއެވެ. އެހެންކަމުން މި ބަލީގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފަށައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު