ކޮވިޑް-19 ގެ ނުރައްކާ ކުޑަވެފައިވާ ޤައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީނުގެ މުއްދަތު ހަމަކުރަން ނުޖެހޭ ގޮތަށް އެޤައުމުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުން މިގޮތަށް ނިންމާފައި ވަނީ، ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެޤައުމުގައި ދަތުރުފަތުރުތައް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް، ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ ޤައުމު އަލުން އާ އާންމު ހާލަތެއްގައި ހުޅުވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުން ވަނީ ކޮވިޑް ފެތުރިފައިވާ ޤައުމުތަކުގެ ތެރެއިން ރައްކާތެރި ޤައުމުތަކާއި އެނޫން ޤައުމުތައް ފާހަގަކުރާނެ އުސޫލުތަކެއް ކަނޑައަޅާފައެއް. މިގޮތުން ތިން ކެޓެގަރީއަކަށް ޤައުމުތަށް ބަހާލައި އޭގެ ތެރެއިން އެންމެ ނުރައްކާ ބޮޑު ޤައުމުތައް ހިމެނޭ ކެޓެގަރީ ފިޔަވައި އެނޫން ކެޓެގަރީތަކުގެ ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ލުއި ދިނުމަށް ނިންމާފައި ވެއެވެ. އިދާރާތަކުން ވަނީ މި ކެޓެގަރީތަކުގައި ހިމެނޭ ޤައުމުތައް ކަނޑައަޅައި، ކުރިޔަށް އޮތް ދުވަސްތަކުގައި އެ މަޢުލޫމާތު އާންމު ކުރުމަށް ނިންމާފައެވެ.

އިނގިރޭސިވިލާތުން ވަނީ މި ކެޓެގަރީތަކަށް ބަލައިގެން އެޤައުމުން އެހެން ޤައުމުތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ލުއި ދިނުމަށް ނިންމާފައެވެ. އެހެންކަމުން ޤައުމުތަކަށް އިނގިރޭސިވިލާތުން ދަތުރުކުރާ ފަތުރުވެރިންނަށް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި އެ ފުރުސަތު ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެއެވެ.

އިނގިރޭސިވިލާތުގެ އިދާރާތަކުން ބުނެފައި ވަނީ، ބަލިމަޑުކަން ކޮންޓްރޯލް ވެފައި ނުވާއިރުވެސް، ދޭން ނިންމާފައިވާ މި ލުއިތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ، އެ ލުއިތަކާއި އެއްގޮތަށް އަމަލުކުރާ އުސޫލުތައް މަޑުޖައްސާލާނެ ކަމަށެވެ. އެހެންކަމުން އާންމުކޮށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ރައްކަތެރިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދިނުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިނގިރޭސިވިލާތަކީ މި ބަލީގެ ނުރައްކާ މީގެ ކުރިން އެންމެ ބޮޑުވެގެންދިޔަ އެއް ޤައުމެވެ. އަދިވެސް އެޤައުމުގައި ބަލި ފެތުރޭ މިންވަރަށް މާބޮޑު ހިފެހެއްޓުމެއް އައިސްފައި ނުވާއިރު، މިހާތަނަށް ބަލީގައި 43500 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އިނގިރޭސިވިލާތަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް ޖެހިގެން މަރުވި ޤައުމެވެ.

އެންމެ ފުރަތަމަ އިނގިރޭސިވިލާތުން ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެޤައުމަށް ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔައީ މާރިޗު މަހާއި މިދިޔަ މޭއި މަހާއި ދެމެދުއެވެ.