އީރާނުގެ ވެރިކަންކުރާ ތެހެރާނުގެ ކްލިނިކެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

މި ހާދިސާ އާއި ގުޅޭ މަޢުލޫމާތުތައް މީޑިއާތަކުގައި ޙިއްސާކުރަމުން ތެހެރާނުގެ ޑެޕިއުޓީ ގަވަރުނަރު، ހާމިދު ރަޒާ ގައުދަރްޒީ ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކެއްގެ ސަބަބުން ކަމަށެވެ.

މި ގޮވުމުގެ ސަބަބުން މިހާތަނަށް 13 މީހަކު މަރުވެފައިވާ ކަމަށް އީރާނުގެ ނޫސްތަކުން ބުނެއެވެ. އަދި މި ހާދިސާގައި އިތުރު ގިނަ އަދަދެއްގެ ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި މިހާރު ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯތަކުން ފެންނަނީ ކްލިނިކުގައި ގޮވުމުގެ ސަބަބުން ވަރަށް ބޮޑަށް އެތަނުގައި އަލިފާން ރޯވެފައި ހުރި މަންޒަރެވެ. އަދި އެވަގުތު އެ ސަރަޙައްދުގައި ގިނަ ބަޔަކު ތިބި މަންޒަރުވެސް ބައެއް ވީޑިއޯތަކުން ފެނެއެވެ.

ހަމަ އެހެންމެ އަލިފާން ރޯވެފައި ހުއްޓާ އިތުރު ބާރުގަދަ ގޮވުންތައް އެ ސަރަޙައްދުން ގޮވަމުންދިޔަ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.

މި ހާދިސާ ހިނގުމާއެކު ތެހެރާނުގެ ފަޔާ ޑިޕާޓްމެންޓުގެ އޮފިޝަލުން ވަނީ އެ ސަރަޙައްދަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް އަލިފާން ނިއްވާލެވުނުއިރު ކްލިނިކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

https://twitter.com/TehranDC/status/1278012011406929922

އީރާނުގެ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ.

މީގެ ހަފްތާއެއްހައި ދުވަސް ކުރިން ތެހެރާނުގެ އަސްކަރީ މަރުކަޒެއްގައި ވެސް ގޭސް ލީކުވެގެން ބާރުގަދަ ގޮވުމެއް ގޮވާފައި ވެއެވެ. އެ ހާދިސާގައި މީހަކު މަރުވެފައެއް ނުވެއެވެ.