ކޮވިޑް-19 އިން ސަލާމަތް ވާން ޗައިނާގެ "ސިނޮވެކް" އިން އުފައްދާފައިވާ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހްލީލްތައް ކުރުމަށް ބްރެޒިލްގެ ވޮލެންޓިއަރުންނަށް ވެކްސިން ދިނުމުގެ ހުއްދަ ބްރެޒިލްގެ ސިއްހަތާއި ބެހޭ އިދާރާ އިން އިއްޔެ ދީފިއެވެ.

ސައޮޕާލޯ ސްޓޭޓާއި އެކު ޗައިނާގެ ކުންފުނިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބްރެޒިލްގެ ވޮލެންޓިއަރުންނަށް ވެކްސިން ދިނުމުގެ އިތުރުން ބްރެޒިލް އިން ވެކްސިނެއް އުފައްދަން ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ވެސް ކުރިއަށް އޮތްތަނުގައި ބްރެޒިލްގެ ސައިންސްވެރިންނަށް ފޯރުކޮށްދޭނެއެވެ.

ސައޮ ޕާލޯގެ ގަވަރުނަރު ޖޯއާއޯ ޑޯރިއާ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާ ކުންފުނިން އުފެއްދި ވެކްސިން ޖެހުމަށް މިހާރު ވެސް 9000 ވޮލެންޓިއަރުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ.

ބްރެޒިލްގައި މި ވެކްސިންގެ ތަހްލީލްތައް ކުރިއަށް ގެންދިއުމަށް ހަ ސްޓޭޓެއްގެ މީހުންނަށް ވެކްސިން ދޭނެއެވެ. އެއީ ސައޮ ޕާލޯގެ އިތުރުން ރިއޯޑީ ޖެނީރޯ، މެނިސް ގެރިއަސް، ބްރަސީލިއާ، ރިއޯ ގްރޭޑެ ޑޯ ސުލް އަދި ޕަރާނާއެވެ. ވެކްސިން ދިނުމުގައި ބްރެޒިލްގެ 12 ރިސާޗް ސެންޓަރަކުން ބައިވެރި ވާނެއެވެ. ވެކްސިން ދިނުމުން ވޮލެންޓިއަރުންނަށް އަންނަ ބަދަލުތައް ޗައިނާގެ ކުންފުންޏާއި ހިއްސާ ކުރުމުގައި ބްރެޒިލްގެ ރިސާޗް ސެންޓަރުތަކުގެ ސައިންސްވެރިން ބައިވެރިވާނެއެވެ.

ބްރެޒިލް އަކީ އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު 1.5 މިލިއަނަށް އަރައެވެ.

ޗައިނާގެ ސިނޮވެކް ކުންފުނީގެ އިތުރުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން ވެސް ޓެސްޓް ކުރުމަށް ބްރެޒިލްގެ މީހުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާ އާއި އިނގިރޭސިވިލާތުގައި މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވާތީ އެގައުމުތަކުގެ މީހުންނަށް ވެކްސިން ދީގެން އެކަށީގެންވާ ގޮތެއްގައި ދިރާސާތައް ނުކުރެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު