ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް އިރާގުގެ ޤާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރު، ޣިދާ ޚަމްބާޝް އަވަހާރަވެއްޖެ އެވެ.

އިރާގުގެ ޤާނޫނު ހަދާ މަޖިލީހުންވެސް މިހާރު މިކަން ހާމަކޮށްފައި ވާއިރު، މިހާތަނަށް 20 މެމްބަރަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް، މުޙައްމަދު އަލް-ހަލްބުސީ ވަނީ ވިދާޅުވެފައެވެ.

އުމުރުން 46 އަހަރުގެ ޣިދާ އަކީ ފައްސިވި މެމްބަރުންގެ ތެރެއިން، މި ބަލީގައި އަވަހާރަވި ފުރަތަމަ މެމްބަރެވެ. އޭނާ އަކީ އިރާގުގެ ވެރިކަންކުރާ ބަޣްދާދުގެ އިރުއުތުރު ބަޤޫބާ ތަމްސީލުކުރައްވާ މެމްބަރެވެ. ޣިދާ އަވަހާރަވީ މެމްބަރުކަން ކުރައްވާތާ ތިންވަނަ ދައުރު ހިނގަމުން ދަނިކޮށެވެ.

ތިން ކުދިންގެ މަންމައެއް ކަމަށްވާ ޣިދާ ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން އިދާގުގެ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

އިރާގުގެ ޤާނޫނު ހަދާ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އެޤައުމަކީ މިހާރު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވަމުން އަންނަ އެއް ޤައުމެވެ.

ދުވަހެއް ދުވަހަކަށް އިރާގުން ބަލި ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިހާތަނަށް އެޤައުމުން ޖުމްލަ 69,612 މީހަކު ފައްސިވެ، އޭގެތެރެއިން 2,882 މީހަކު މަރުވެފައި ވެއެވެ. އިރާގުގައި ކޮވިޑަށް ފަރުވާކުރާ މީހުންގެ ތެރެއިން 400 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.