އިންޑޮނީޝިއާއަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރަމުންދާ ގަދަ ވިއްސާރައިގައި އެޤައުމުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުން ފެންބޮޑުވުމުގެ ހާދިސާތަކުގައި އެޤައުމުން ފާއިތުވެދިޔަ ދުވަސްތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 36 އަށް އަރާފައެވެ. މި އެންމެންވެސް މަރުވެފައި ވަނީ އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސުލަވެސީން ކަމަށް އިދާރަތަކުން ބުނެފައި ވެއެވެ.

ވިއްސާރައިގެ ސަބަބުން އިންޑޮނީޝިއާގައި ފެންބޮޑުވުމުގެ ހާދިސާތައް އެންމެ ބޮޑަށް ހިނގަމުން އަންނަނީ ދެކުނު ސުލަވެސީގައެވެ. މި ހަދިސާތަކުގެ ސަބަބުން 14000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

އިންޑޮނީޝިއާގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުން އަންނަނީ އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހި އެޤައުމުގެ ބައެއް ކޯރުތައް ބަންޑުންވުމާއި ގުޅިގެންނެވެ. އެޤައުމުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފަށައިގެންނެވެ. މި ހާދިސާތަކުގައި މިހާތަނަށް 60 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ފެންބޮޑުވުމުގެ ހާދިސާތަކާއި ގުޅިގެން ގެއްލުނު މީހުން ހޯދުމަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް އިންޑޮނީޝިއާގެ ރެސްކިއު ޓީމްތަކުންނާއި އިދާރާތައް ގުޅިގެން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި ހާލުގައި ޖެހުނު ފަރާތްތައް، ރައްކާތެރި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުގެ ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

މޫސުން ގޯސްވެ ރެކޯޑް މިންވަރަކަށް ވާރޭވެހުމާއި ގުޅިގެން އިންޑޮނީޝިއާގައި މިދިޔަ ޖެނުއަރީ މަހުވެސް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. މި ހާދިސާތަކުގައި އެޤައުމުގެ ވެރިކަންކުރާ ޖަކާޓާއިން 60 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ވިއްސާރަ މޫސުންތަކާއި ދިމާކޮށް އިންޑޮނީޝިއާ އަކީ މިފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގާ ޤައުމެކެވެ.