ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އެގައުމުގެ ކުރީގެ ރައީސާ ޗަންދްރިކާ ކުމަރަޓުންގާގެ ރަސްމީ ކާރުކޮޅުތައް އަނބުރާ ސަރުކާރާއި ހަވާލުކުރައްވައިފިއެވެ.

ސްރީލަންކާގެ ރައީސްގެ ސެކްރެޓަރީ ޕ.ބ. ޖަޔަސުންދެރާ އަށް ކުރީގެ ރައީސާ ޗަންދްރިކާ ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، އެކަމަނާގެ އަމިއްލަ ބޭނުމަށާއި، އޮފީހުގެ ބޭނުމުގެ އިތުރުން ސެކިއުރިޓީގެ ބޭނުމަށް 9 ކާރުކޮޅު އެކަމަނާ އާއި މީގެ ކުރިން ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެހެން 3 ވެހިކަލް އެކަމަނާގެ ސެކިއުރިޓީ ޓީމާއި ފުލުހުން ހަވާލު ކޮށްފައިވާ ކަމަށެވެ.

"މިހާރު ދިމާވެފައިވާ ބަލި މަޑުކަމުގެ ސަބަބުން ސަރުކާރުގެ މާލީ ހާލަތު ދަށަށް ގޮސްފައިވާތީ، މިހާރު ހުރި 12 ވެހިކަލްގެ ތެރެއިން 4 ވެހިކަލެއް ސަރުކާރާއި ހަވާލު ކުރުމަށް ނިންމައިފިން" ޗަންދްރިކާ ފޮނުވާފައިވާ ސިޓީގައި ވިދާޅުވިއެވެ.

ޗަންދްރިކާ ހަވާލު ކޮށްފައިވާ ކާރުތަކުގެ ތެރޭގައި ހިމެނެނީ ރައީސް އޮފީހުން އެކަމަނާ އާ ހަވާލު ކުރައްވާފައިވާ 3 ވެހިކަލާއި ފުލުހުން ހަވާލު ކުރައްވާފައިވާ ވެހިކަލެވެ.

އެސިޓީގައި ޗަންދްރިކާ ވިދާޅުވެފައި ވަނީ މިވަގުތު 4 ވެހިކަލް ހަވާލު ކުރިކަމުގައިވުޔަސް ފަހުން ބާކީ 8 ވެހިކަލް ސަރުކާރަށް ހަވާލު ކުރައްވާނެ ކަމަށާއި އެކަމާއި ބެހޭ މައުލޫމާތު އެކަމަނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ޗަންދްރިކާއަކީ 1994 އިން ފެށިގެން 2005 ވަނަ އަހަރަށް ސްރީލަންކާގެ ރައީސްކަން ކުރައްވާފައިވާ އެގައުމުގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަމެއް އޮންނަ އެގައުމުގެ 5 ވަނަ ރައީސާއެވެ.