ކޮވިޑް-19 ގެ ނުރައްކަލާއެކު މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ލިބުނީ މަދު ބަޔަކަށެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް މި މާތް މައްސަރު މުސްލިމުންގެ ބިނާތައް އެންމެ ފަޅުކޮށް ފެނިގެންދިޔަ ފަހަރެވެ.

ކޮވިޑް-19 އާއި ގުޅިގެން މިފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މީހުންނަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައި ވެއެވެ. މިގޮތުން ރައްކާތެރިކަމުގެ އެންމެހާ މިންގަނޑުތަކާއެކު އަޅުކަން ނިންމާލުމާއި ހަމައަށް ސިއްޙީ ތަޖުރިބާކާރުންގެ އިރުޝާދުތައް ހައްޖާޖީންނަށް އަންނަނީ ދެމުންނެވެ.

މުޒްދަލިފާގައި ރޭކުރުމަށްފަހު އިއްޔެ ހައްޖުވެރިން ވަނީ މިނާގައި ހުންނަ ޖަމްރާއަށް ހިލަ އުކާފައެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ މިބައި ފުރިހަމަކުރުމަށް މީހުން ގޮސް ތިބި މަންޒަރު ފެންނަ ފޮޓޯތައް މިހާރު އާންމުވެފައި ވާއިރު، ފޮޓޯތަކުން ފެންނަނީ އެހެން އަހަރުތަކާއި އިންތިހާއަށް ތަފާތު މަންޒަރެކެވެ.

ޖަމްރާއަށް ހިލަ އުކުމަށް އެހެން އަހަރުތަކުގައި އެތައް ހާސް ބަޔަކު އެ ސަރަޙައްދަށް ޖަމާވެއެވެ. ނަމަވެސް މިފަހަރު ޖަމްރާއަށް ހިލައުކަން ހައްޖާޖީން ތިބީ ގައިދުރުކޮށް، ކަނޑައެޅިފައިވާ ވަކި ދުރުމިނެއްގައެވެ. ހައްޖުވެރިން ޖަމްރާއަށް ހިލަ އުކަމުން ދިޔަ ވަގުތު ސިއްޙީ ތަޖުރިބާކާރުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރުވެސް ފޮޓޯތަކުން ފެނެއެވެ.

ޖަމްރާއަށް ހިލައުކަން އެއްވާ އެއްވުމުގައި މީހުން ގިނަވެ ތޮއްޖެހުމުގެ ސަބަބުން މީގެ ކުރިން ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި ވެއެވެ. މިގޮތުން 2015 ވަނަ އަހަރު ހިލައުކަން އެއްވި ވަގުތު ފިތިގެން އެތައް ސަތޭކަ ބަޔަކު ނިޔާވި ހާދިސާ ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނީ ހާހެއްގައި މީހުންނަށެވެ. މި އެންމެންނަކީވެސް ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ހައްޖު މަހު ތިން މިލިއަން މީހުން އެކި ޤައުމުތަކުން މި އަޅުކަމުގައި ބައިވެރިވެފައި ވެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި މަދު ހައްޖާޖީން ހިމެނޭއިރު، އެފަރާތުގެ ސިއްހީ ކަންކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކޮންމެ 50 ހައްޖާޖީއަށް ޑޮކްޓަރެއް ވަނީ ކަނޑައަޅާފައެވެ. އަދި އެފަރާތްތަކަށް ހާއްސަ ކޮށްގެން އެމްބިއުލާންސްތައްވެސް ތިބޭނެއެވެ.