ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބެލްޖިއަމް އިން ތިން އަހަރުގެ ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

ނޫސްތައް ބުނާގޮތުން ކޮވިޑް-19 ޖެހިގެން އެޤައުމުން މަރުވި އުމުރުން ތިން އަހަރުގެ ކުއްޖާ އަކީ އަންހެން ކުއްޖެކެވެ. އޭނާ މަރުވީ ބަލި ޖެހިގެން ފަރުވާދެމުން ދަނިކޮށް މިދިޔަ ހަފްތާގައެވެ.

ބެލްޖިއަމްގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު، ބޯޑެވިން ކެޓްރީ ނޫސްތަކުގައި ވިދާޅުވީ އެޤައުމަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށެވެ. އަދި މިހާރު އެޤައުމުން އެވްރެޖް ގޮތެއްގައި ކޮންމެ ދުވަހަކު ތިން މީހުން މަރުވާ ކަމަށާއި، ތުއްތު ކުއްޖާ މަރުވި ދުވަހު އެކުއްޖާގެ އިތުރުން މަރުވި ދެ މީހުންގެ ތެރޭގައި އުމުރުން 18 އަހަރުގެ ޒުވާނަކުވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޑަކުދިން މި ބަލީގައި މަރުވަނީ ވަރަށް މަދުން، އެކަމަކު ކުޑަކުދިންނަށް މި ބަލީގެ ނުރައްކަލެއް ނެތޭ ބުނެވޭކަށް ނެތް،" ކެޓްރީ ވިދާޅުވިއެވެ.

ކެޓްރީ ވިދާޅުވީ ބެލްޖިއަމްގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެގެން ގޮސްފައިވާއިރު، މިދިޔަ ހަފްތާއެއްހައި ދުވަސްތެރޭ ބައްޔަށް އަލަށް ފައްސިވާ މީހުންގެ އަދަދު 89 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބެލްޖިއަމް އިން މިހާތަނަށް 69,402 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރޭގައި އިއްޔެ އަލަށް ފައްސިވި 651 މީހަކު ވެސް ހިމެނެއެވެ. އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެތެރެއިން 9,845 މީހަކު ވަނީ މަރުވެފައެވެ.

ބެލްޖިއަމް އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ރަނގަޅުވީ 17,573 މީހެކެވެ. އެޤައުމުގައި މިހާރު ބައްޔަށް ފަރުވާކުރާ މީހުންގެ ތެރެއިން 56 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ. ބެލްޖިއަމް އިން ކޮވިޑް-19 އަށް ފައްސިވާ މީހުން ބަލިން ރަނގަޅުވާ މިންވަރު އެހެން ޤައުމުތަކާއި އަޅާބަލާއިރު ވަރަށް ދަށެވެ.