ފިލިޕީންސްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އަނެއްކާ ވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އާދިއްތަ ދުވަހު އިއުލާން ކުރެއްވި ގޮތުގައި ފިލިޕީންސްގައި ވަރުގަދަ ފިޔަވަޅުތަކެއް އަލުން އަޅަން ނިންމީ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އެރީމައެވެ. އެކަމަކު ފިޔަވަޅުތައް ވަރުގަދަ ކުރަނީ ވެރިރަށް މެނީލާގައެވެ.

އަލަށް އެޅި ފިޔަވަޅުތަކާ އެކީގައި އުމުރުން 21 އަހަރުން ދަށުގެ މީހުންނާއި 60 އަހަރުން މަތީގެ މީހުންނާއި ސިއްހީ ބޮޑެތި ބަލިތައް ހުންނަ މީހުންނާއި މާބަނޑު މީހުން ތިބެން ޖެހޭނީ ގޭގައެވެ. އަދި ހުއްދަ އޮންނާނީ މަދު ބަޔަކު ބޭރަށް ނުކުތުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއީ ޒަރޫރީ ބޭނުންތަކަށް ނުކުންނަން ޖެހޭ މީހުންނާއި އޮފީސް ފަދަ ތަންތަނަށް މަސައްކަތަށް ނުކުންނަން ޖެހޭ މީހުންނެވެ.

ފިލިޕީންސްގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމީ، އެ ގައުމުގައި އަޅާފައި ހުރި ފިޔަވަޅުތައް ހަރުކަށި ކުރަން 80 މެޑިކަލް އެސޯސިއޭޝަނަކުން ސޮއިކޮށް ރައީސަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.

"އަހަރުމެން މިތިބީ ވަރަށް ބޮޑަށް ހާސްވެފައި. ފިޒިކަލީ އަދި މެންޓަލީ ވެސް. ގިނަ މީހުން ތިބީ ކޮވިޑް-19 އަށް ހުށަހެޅިފައި،" ފިލިޕީންސްގެ ކޮލެޖް އޮފް ފިޒިޝަންސްގެ ރައީސް މާރިއޯ ޕަނަލިގަން ވިދާޅުވިއެވެ.

ފިލިޕީންސްގަައި ކޮވިޑް-19 ފެތުރޭތީ ޑުޓާޓޭ ވަނީ އިތުރު 10،000 ސިއްހީ ހިދުމަތްތެރިން މަސައްކަތަށް ނުކުތުމަށް ހުއްދަ ދެއްވައިފައެވެ. އަދި ފިލިޕީންސްގެ އަސްކަރިއްޔާ އިން ސިއްހީ އޮފިޝަލުންނަށް އެހީތެރިވާން ނިކުތުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.

އިއްޔެ އެކަނި ވެސް ފިލިޕީންސްގައި 5،032 މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިއާ އެކު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 103،185 އަށް އަރައިފައެވެ. އަދި މި ބަލީގައި 2،059 މީހުން ވަނީ މަރުވެފައެވެ.