ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި މިރޭ ގޮވި ބާރުގަދަ ގޮވުމާއެކު ލިބުނު ގެއްލުންތަކާއި ގުޅިގެން އެހީތެރިވުމަށް ތައްޔާރަށް ތިބި ކަމަށް އީރާނާއި އިނގިރޭސިވިލާތުންވެސް ބުނެފިއެވެ.

މީގެ ކުރިން ފްރާންސުންވެސް ވަނީ ބެއިރޫތައް އެހީވުމަށް އިސްނަގައި އެކަން ހާމަކޮށްފައެވެ.

މިރޭ އީރާނުން ބެއިރޫތަށް އެހީވާން ތައްޔާރަށް ތިބިކަން ހާމަކޮށް، އެޤައުމުގެ ފޮރިން މިނިސްޓަރ، މުޙައްމަދު ޖަވާދު ޒާރިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު ލުބުނާނުން ބޭނުންވާ ކޮންމެ އެހީތެރިކަމެއް ވެދޭނެ ކަމަށެވެ. އަދި ހާދިސާގައި ގެއްލުންވި މީހުންނާއިއެކު ތިބިކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތުން އެހީވާން ތައްޔާރަށް ތިބިކަން ހާމަކޮށް އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، މި ދަނޑިވަޅުގައި ވެވެން އޮތް ކޮންމެ އެހީތެރިކަމަށް ބެއިރޫތަށް ވާން ތައްޔާރަށް ހުންނެވި ކަމަށެވެ. ބޮރިސް ވިދާޅުވީ ބެއިރޫތުގެ ހާދިސާގެ މަންޒަރުތައް ވެގެން ދިޔައީ ލިބުނު ކުއްލި ސިހުކަމަށް ކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހުންނާއި އާއިލާތަކަށް ހެޔޮދުޢާކުރާ ކަމަށް ބޮރިސް ވިދާޅުވިއެވެ.

މިރޭ ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ ސިޓީއަށް މި ގޮވުމާއި ގުޅިގެން ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި ވަގުތު ބޮޑު ސަރަޙައްދެއް ވަނީ ސުންނާފަތިވެ ކުދިކުދިވެފައެވެ.

އެތައް އިމާރާތަކާއި ގެތައް ބިމާއިހަމަވި މި ހާދިސާގައި މިހާތަނަށް ދިހަވަރަކަށް މީހުން މަރުވިކަން ކަށަވަރުކުރެވިފައި ވެއެވެ. މީގެ އިތުރުން އެތައް ސަތޭކަ ބަޔަކަށް މި ހާދިސާ އާއި ގުޅިގެން އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން ދެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވެސް ލުބުނާނުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. މި ހާދިސާގެ ފަހަތުގައި ވަނީ ހައްދުފަހަނައަޅާފައިވާ އިސްރާއިލް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، އިސްރާއިލް އިން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.