ލުބުނާންގެ ވެރިރަށް ބެއިރޫތުގެ ޕޯޓްގައި ހުރި ގުދަންތަކެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ޕޯޓުގައި މަސައްކަތް ކުރާ ފަރާތްތައް ގޭބަންދަަށް ފޮނުވާލާފައި ވާކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އެ މީހުން ގޭބަންދަށް ފޮނުވާލާފައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ކަަމަށް ސަރުކާރާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އަލްޖަޒީރާއިން ބުނެފައު ވަނީ، އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައި ވަނީ މިކަމުގައި ޒިންމާ ނަގަން ޖެހޭ މީހުންނަކީ ކޮން ބައެއްތޯ ބެލުމަށް ޕޯޓުގައި މަސަައްކަތް ކުރާ މީހުން ގޭބަންދަށް ބަދަލު ކުރުމަށް ކަމަށެވެ.

އަދި އެކަން ރަސްމީކޮށް އިރުކޮޅެއްގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ގޭބަންދަށް ފޮނުވާލަން ނިންމާފައި ވަނީ ކިހާ މުވައްޒަފުންނެއްކަން އަދި ސާފެއް ނޫނެވެ. ރިއުޓާސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން އެ ގުދަނާއި، އެ ގުދަނުގެ ސެކިއުރިޓީގެ ގޮތުގައި މަސައްކަތް ކުރި ފަރާތްތައް ގޭބަންދުގައި ތިބޭއިރު، އެ ގައުމުގެ ސިފައިން ބަލަމުންދާނެ އެވެ.

ބެއިރޫތުގައި ގޮވި ވަރުގަދަ ގޮވުމުގެ ސަބަބުން ބެއިރޫތުގައި ކާރިސާގެ ހާލަތު އިއުލާން ކޮށްފައެވެ. މިހާދިސާގައި އެ ސިޓީގައި ދިރިއުޅޭ ތިން ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ، އެސިޓީގެ ގުދަނެއްގައި ރައްކާކޮށްފައިހުރި، ގިނަ އަދަދެއްގެ އެމޯނިއަމް ނައިޓްރޭޓް ކެމިކަލެއްގައި ރޯވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.