ނިމިގެން ދިޔަ ޖުލައި މަހުގެ ފަހު ދެ ހަފްތާގެ ތެރޭގައި އެމެރިކާއިން 97,000 އަށްވުރެ ގިނަ ކުޑަ ކުދިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

އެމެރިކަން އެކެޑެމީ އޮތް ޕީޑިއެޓްރިކްސް އެންޑް ދި ޗިލްޑްރެންސް ހޮސްޕިޓަލް އެސޯސިއޭޝަނުން އާންމު ކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވަނީ އެ ދެ ހަފްތާގެ ތެރޭގައި އެމެރިކާގެ ސްޓެތްތަކާއި ސިޓީތަކުގައި ކުޑަކުދިންނަށް ބަލި ޖެހޭ މިންވަރު 40 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ބަލި ޖެހިފައިވާ ކުދިންގެ އުމުރުތައް އެކި ސްޓޭޓްތަކުގައި ތަފާތުކަން ފާހަގަ ކުރަމުން ރިޕޯޓް ގައި ބުނެފައިވަނީ ބައެއް ސްޓޭޓްތަކުގައި އުމުރުން 14 އަހަރުގެ ކުދިންނާއި ހަމައަށް ބަލި ޖެހިފައިވާ ކަމަށާއި ބައެއް ސްޓޭޓްތަކުގައި 24 އަހަރުގެ ކުދިންނާއި ހަމައަށް ބަލި ޖެހިފައިވާ ކަމަށެވެ.

މިހާ ގިނަ އަދަދެއްގެ ކުދިން އެގައުމުން ފައްސިވެފައިވަނީ ފުރަބަންދަށް ލުޔެއްދީ، ސްކޫލްތައް ހުޅުވުމާއި ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އިތުރު ރިޕޯޓްތައް ބުނާ ގޮތުގައި މޭއި މަހުގެ ފަހުން 86 ކުޑަކުދިން ވަނީ އެމެރިކާއިން މި ބަލި ޖެހިގެން މަރުވެފައެވެ.

އެމެރިކާއަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 5،199،524 މީހަކު ރިޕޯޓް ކޮށްފައިވާއިރު، މިހާތަނަށް އެގައުމުން 165،617 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އެގައުމުން މި ބަލި ޖެހިގެން 2،664،849 މީހަކު ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 2،369،058 މީހަކަށެވެ. އޭގެ ތެރެއިން ހާލު ދެރަވެގެން އައިސީޔޫގައި 17،812 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު