ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ނިޔަލަށް ނިއު ޒިލެންޑްގެ ފުރަބަންދު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.

ނިއު ޒީލެންޑްގެ ނޫސްތަކާ ހަވާލާދީ "ޑެއިލީމެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުން ފުރަބަންދު ދަމާލަން ނިންމާފައި ވަނީ، ފަހަކަށް އައިސް ކޮވިޑް-19 ޖެހޭ މީހުންނާ ގުޅުން ހުރި ކްލަސްޓާތައް ހޯދުމުގައި ދަތިތަކެއް ދިމާވާން ފެށުމުންނެވެ. އަދި ބަލި ތިބި މީހުން ދެނެނުގަނެވި ކްލަސްޓާތައް އިތުރަށް ދިގުދެމިގެން ގޮސްދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ވެސް ސިއްހީ އިދާރާތަކުން ލަފާ ކުރެއެވެ.

ނިއު ޒިލޭންޑުން ފައްސިވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ބަޔަކު ވެސް ހިމެނެއެވެ.

މިއިން އެއްވެސް މީހަކު ފަހުގެ ތާރީހެއްގައި ގައުމުން ބޭރަށް ދަތުރުކޮށްފައި ނުވާ ކަމަށާއި އެ އާއިލާގެ އެއްވެސް މީހެއްގެ ޓްރެވަލް ހިސްޓަރީއެއް ނެތް ކަމަށް ވެސް ސިއްހީ އިދާރާތަކުން ހާމަކުރެއެވެ.

ނަމަވެސް އެ އާއިލާއިން ފައްސިވި މީހުންގެ ތެރޭގައި ފިނި ކާނާ ވިއްކާ ތަނެއްގައި މަސައްކަތް ކުރާ މީހަކުވެސް ހިމެނޭއިރު އެއީ ބޭރުން އިމްޕޯޓު ކޮށްފައިވާ ގިނަ މުދާ ހުންނަ ތަނެއް ކަމަށާއި އެފަތަ ތަކެތިން ބަލި ފެތުރުން ގާތް ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ނިއު ޒީލެންޑުން 1،602 މީހުންނަށް ބަލި ޖެހިފައިވާއިރު މީގެ ތެރެއިން ބޮޑު ބައެއް ވަނީ މި ބަލިން އެއްކޮށް ރަނގަޅު ވެފައެވެ. އެގައުމުން މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 1،531 އެވެ. އަދި މިހާތަނަށް 22 މީހަކު ނިއު ޒިލެންޑުން ވަނީ މަރުވެފައެވެ.