ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ކްރިސް ހިޕްކިންސް އައްޔަން ކުރަން ލޭބާ ޕާޓީން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކްރިސް ހިޕްކިންސްއާ ވެރިކަން ހަވާލު ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާނެއެވެ. މިކަމާ ގުޅިގެން ކްރިސް ހިޕްކިންސް ވިދާޅުވި ގޮތުގައި މިއީ އޭނާގެ ހަޔާތުގައި ވެސް އުފުއްލަވަން ޖެހޭ އެންމެ ބޮޑު ޒިންމާއެވެ.

"މިއީ އަޅުގަނޑުގެ ހަޔާތުގައި ހަވާލުވާން ޖެހޭ އެންމެ ބޮޑު ޒިންމާ އަދި އެންމެ ބޮޑު ޝަރަފް،" ނިއުޒިލެންޑްގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކްރިސް ހިޕްކިންސް ވިދާޅުވިއެވެ.

މިއީ އޭނާގެ ހަޔާތުގައި ވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. ކްރިސް ހިޕްކިންސްގެ ވާހަކައިގައި އޭނާ ވަނީ ނިއުޒިލެންޑްގެ ބޮޑުވަޒީރު ކަން ކުރެއްވި ކްރިސް ހިޕްކިންސް އަށް ތައުރީފް ކުރައްވައިފައެވެ.

އާޑެން ވަނީ ފަސް އަހަރާއި ބައި ވަންދެން ފަސް މިލިއަން މީހުން ދިރިއުޅެމުންދާ އެ ގައުމުގެ އެންމެ މަތީ މަގާމު އަދާ ކުރެއްވުމަށް އިސްތިއުފާ ދެއްވާ ކަން ބުރާސްފަތި ދުވަހު އިއުލާން ކުރައްވައިފައެވެ.

ކްރިސް ހިޕްކިންސް އާންމުންގެ ތެރޭގައި ބޮޑަށް އެނގުނީ ކޮވިޑް-19 ދުވަސްވަރު އޭނާ އަދާކުރެއްވި ރޯލެވެ. ނިއުޒިލެންޑަކީ ކޮވިޑް ފެތުރުނަ ނުދީ އެންމެ ރަނގަޅު ފިޔަވަޅުތަކެއް އެޅި އެއް ގައުމެވެ. ބޭރު ގައުމުތަކުގެ ލީޑަރުންގެ ފަރާތުން ނިއުޒިލެންޑަށް އެތައް ތައުރީފެއް ވަނީ ލިބިފައެވެ.

"އެއީ ވަރަށް ކުޅަދާނަ ބޭފުޅެއް. އޭނާގެ ވެރިކަމުގައި ސުލްހަމަސްލަސްކަމާއި ހަމަޖެހުން ގާއިމުކޮށް ލީޑަޝިޕް ދެއްކެވި. އަޅުގަނޑު އުންމީދު ކުރަނީ އެކަންކަން އަޅުގަނޑުގެ ވެރިކަމުގައި ވެސް ދެމެހެއްޓޭނެ ކަމަށް،" ކްރިސް ހިޕްކިންސް ވިދާޅުވިއެވެ.

"އެކަމަނާއަކީ އަޅުގަނޑުމެންނަށް ލީޑަރަކު ބޭނުންވި ވަގުތުކޮޅު އަޅުގަނޑުމެންނަށް ބޭނުންވި ލީޑަރެއް." ކްރިސް ހިޕްކިންސް ވިދާޅުވިއެވެ.

އިންތިހާބީ އަހަރުގެ ތެރޭގައި ކްރިސް ހިޕްކިންސް އަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އިގްތިސާދު ނަގައި ކޮޅަށް ޖެހުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

ނިއުޒިލެންޑްގެ ބޮޑުވަޒީރު ކަމަށް ކްރިސް ހިޕްކިންސް ކުރިމަތިލައްވާފައިވާ އިރު، އޭނާ އެމަގާމަށް އައްޔަން ކުރަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އިންތިހާބު ކާމިޔާބު ކުރެވިދާނެތޯ ސުވާލު ކުރުމުން ކްރިސް ހިޕްކިންސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.