މިމަހުގެ ކުރީކޮޅު ނިއުޒީލަންޑްގެ އާއިލާ އަކުން އޮންލައިން ނީލަމެއްގައި ގަނެފައިވާ ލަގޭޖްތަކުން ފެނުނު ދެ ކުއްޖެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ކުދިންނަކީވެސް ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށާއި އެ ދެ ކުދިންގެ ނަމާއި ވަނަވަރު ހާމަ ނުކުރުމަށް އާއިލާއިން އެދިފައިވާ ކަމަށެވެ.

އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ދެކުނު އޯކްލޭންޑްއިން މި ދެކުދިންގެ ހަށިގަނޑުގެ ބައިތައް ފެނުމާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ.

ފުލުހުން ބުނީ މަރުވެފައިވާ ކުދިންނަކީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ދެ ކުދިން ކަމަށެވެ. ފުލުހުންގެ ފަރާތުން މި މައްސަލައިގެ މައުލޫމާތު ހާމަކުރި އޮފިޝަލް ބުނީ ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެކުދިން މަރުވެފައި ތިބޭތާ ތިން ހަތަރު އަހަރު ވެފައިވާ ކަމަށާއި މަރުވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.

ސޯލްގެ ފުލުހުން ބުނާގޮތުގައި އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެ ދެ ކުދިންގެ މަންމަ ކަމަށް ބެލެވޭ އަންހެނަކު ދެކުނު ކޮރެއާގެ ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ. ދެކުނު ކޮރެއާގެ ފުލުހުން ދަނީ އިންޓަޕޯލް މެދުވެރިކޮށް ނިއުޒީލަންޑްގެ ކަމާބެހޭ ފަރާތްތަކަށް މި ތަހުގީގަށް އެއްބާރުލުން ދެމުންނެވެ.

މި ލަގެޖްތައް ވިއްކި ސްޓޯރޭޖް ކުންފުނިން ވެސް އޭގައި ހުރި އެއްޗެއްސާއި ގުޅުން ހުރި އެހެން ތަކެތި ހޯދުމަށް ފުލުހުންނަށް އެހީތެރިވަމުން އަންނަ ކަމަށް ފުލުހުން މި މަހުގެ ކުރީކޮޅު ވަނީ ބުނެފައެވެ.

މި ލަގެޖްތައް ގަނެގެން އައި އާއިލާއަކީ ކުޑަކުދިންގެ މަރުތަކާއި ގުޅުން ހުރި އާއިލާއެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.