ވިއްސާރައިގައި އިންޑިއާގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެޤައުމުގައި ފިޔާ އަގުބޮޑުވެފައިވުމާއި ގުޅިގެން ޤައުމުތަކަށް ފިޔާގެ ބާވަތްތައް އެކްސްޕޯޓް ކުރުން ވަގުތީގޮތުން ހުއްޓުވައިފިއެވެ.

އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑްގެ އޮފީހުން އިއްޔެ މިކަމާއި ގުޅިގެން ނެރުނު އެންގުމެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހުން ފެށިގެން އިންޑިއާއިން އެއްވެސް ބާވަތެއްގެ ފިޔަލެއް އެހެން ޤައުމުތަކަށް އެކްސްޕޯޓް ކުރުން މަޑުޖައްސާލުމަށެވެ. ނަމަވެސް މިގޮތަށް ނިންމާފައިވަނީ ކިހައި މުއްދަތަކަށް ކަމެއް އެންގުމުގައި ބުނެފައެއް ނުވެއެވެ.

އިންޑިއާ ސަރުކާރުން މިފަދަ ކުއްލި ނިންމުމެއް ނިންމާފައި މިވަނީ، މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން އެޤައުމުން ފިޔާ އެކްސްޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް، އެޤައުމުގައި އެންމެ ގިނައިން ފިޔާ ހައްދާ ދެކުނުގެ ސްޓޭޓްތަކަށް ވިއްސާރަކޮށް ދަނޑުތަކަށް ބޮޑެތި ގެއްލުން ލިބި ފިޔާ އުފެއްދޭ މިންވަރު ދަށްވެފައި ވަނިކޮށެވެ. މިކަމުގެ ސަބަބުން އިންޑިއާގައި ވެސް ވަނީ ފިޔަލުގެ އަގު ވަރަށް ބޮޑަށް މަތިވެފައެވެ.

އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަޙައްދަށް އެންމެ ގިނަ އަދަދަކަށް ފިޔާ އެކްސްޕޯޓްކުރާ ޤައުމެވެ. މިގޮތުން މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝް އާއި ނޭޕާލް އާއި މެލޭޝިއާ އާއި ސްރީލަންކާ ފަދަ ޤައުމުތަކަކީ ފިޔާ އެތެރެކުރުމުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމުތަކެވެ. އެހެންކަމުން އިއްޔެ އިންޑިއާއިން ނިންމި ނިންމުމާއި ގުޅިގެން ބައެއް ޤައުމުތަކަށް ފިޔާ ލިބުމުގެ ދަތިކަން ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިންޑިއާއަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ފިޔާ ދަނޑުތައް ހުންނަ ކަރްނަނަޓަކާ އާއި އަންދްރަ ޕްރަދޭޝް ފަދަ ސްޓޭޓްތަކުން ގިނަ އަދަދެއްގެ ދަނޑުތައް ވަނީ ހަލާކުވެފައެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައިވެސް އިންޑިއާގައި ފިޔާ އަގުބޮޑުވުމާއި ގުޅިގެން އެޤައުމުން އެހެން ޤައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ހުއްޓުވާފައި ވެއެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑަށް ފިޔާ ލިބުމުގެ ދަތިކަން ކުރިމަތިވި ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގެރި ބުއްޅަބޭ

    ދެން ޚާއްސަ އެހީގެ ދަށުން 100މިލިޔަން 20% ގަ ދީފަ އެލާރިޔަށް ފިޔާ ވިއްކާފަ ނޫހަށް އަރާ ޕަބްލިސިޓީ ހަދާލާ!

  2. ކާފަދ

    ތަރައްޤީގެ މަޝްރޫއެއް ހުއްޓުނީ

  3. ޏަވިޔަނި

    ޗައިނާ އިން ދިވެހިންނަށް ލިބޭނެ ... އިންޑިޔާ އައުޓް

    15
    3
  4. ނަޝީދު

    ތިޔައީސިޔާސީގޭމެއް

    12
  5. މާރިޔާ

    އިންޑިޔާއައުޓް

  6. ޔާމިން

    ގެޓްއައުޓްއިންޑިޔާ

  7. މާރިޔާ

    ނޯނީޑްއިންޑިޔާ ގޯއޮވޭ ޕްލީޒް///

  8. އަޙުމަދު

    ދިވެހީންނަށް ކުރާ ޖެއްސުމެއް

  9. ވިސްނާލުމަށް އެދެމޭ

    މުޅި ޙަބަރު ނިމުނުއިރުވެސް ފިޔާގެ ދަތިކަން ދިވެހިރާ އްޖެ އަށް މުރިމަތިވި ވާހަކަނެތީ ކީ އްވެ...ފިޔާގެ އަގު އެ އްމެބޮޑުވި ގަ އުމަކަށް ދިވެހިރާ އްޖެ ވާނެ...