ފިޔާ އެކްސްޕޯޓް ކުރުން ހުއްޓުވުމަކަށް ގެނެސްފައި އޮތުމަށްފަހު އިންޑިއާގައި ހައްދާ ދެ ބާވަތެއްގެ ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ އަލުން ދީފިއެވެ.

މިކަން ހާމަކޮށް އިންޑިއާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ޕިޔުޝް ގޮޔާލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޤައުމުގައި ހައްދާ "ބެންގަލޯ ރޯޒް" ފިޔާ އަދި "ކްރިޝްނަޕޫރަމް" ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ކަމަށެވެ. ނަމަވެސް މި ހުއްދައިގެ ދަށުން އަންނަ އަހަރުގެ މާރިޗު މަހާއި ހަމައަށް އެކްސްޕޯޓް ކުރެވޭނީ މިއިން ކޮންމެ ބާވަތަކުން ދިހަހާސް މެޓްރިކް ޓަނުގެ ފިޔާ ކަމަށް ގޮޔާލް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ އަލުން ދިނުމަށް ނިންމާފައި ވަނީ އެޤައުމުގެ ދަނޑުވެރިން ބާރުވެރިކުރުވައި، އެފަރާތްތަކަށް ލިބޭ އާމްދަނީގެ މިންވަރު އިތުރުކުރުމުގެ ގޮތުން ކަމަށެވެ.

ޚާއްސަ ހުއްދައެއް ނަގައިގެން އިންޑިއާގައި ހައްދާ ފިޔާ އެކްސްޕޯޓް ކުރެވޭނީ ހަމައެކަނި ޗެންނާއީ ބަނދަރުން ކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ކޮމާސް އިން ވިދާޅުވެފައި ވެއެވެ.

އިންޑިއާއިން އެއްވެސް ބާވަތެއްގެ ފިޔަލެއް އެކްސްޕޯޓުކުރުން ހުއްޓުވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެއެޤައުމުން އެގޮތަށް ނިންމާފައި ވަނީ އެމަހު އިންޑިއާއަށް ކުރި ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ބޮޑެތި ގެއްލުން ލިބި ފިޔާ އަގުބޮޑުވުމުންނެވެ. އެގޮތަށް ނިންމި ނަމަވެސް އިންޑިއާއިން ރާއްޖެއަށް ފިޔާ ފޯރުކޮށްދީފައި ވެއެވެ.

އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަޙައްދަށް އެންމެ ގިނަ އަދަދަކަށް ފިޔާ އެކްސްޕޯޓްކުރާ ޤައުމެވެ. މިގޮތުން މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝް އާއި ނޭޕާލް އާއި މެލޭޝިއާ އާއި ސްރީލަންކާ ފަދަ ޤައުމުތަކަކީ ފިޔާ އެތެރެކުރުމުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމުތަކެވެ.

ސެޕްޓެމްބަރު މަހު އިންޑިއާއިން ނިންމި ނިންމުމާއި ގުޅިގެން، އެންމެ ބޮޑަށް ފިޔާ ލިބުމުގެ ދަތިކަން ކުރިމަތިވި ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް ހިމެނެއެވެ. އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ފިޔަލުގެ އަގު ވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ.