ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ރެޑްވޭވުން ބިސް، ފިޔާ، އަލުވި ވިއްކާ އަގު ހެޔޮ ކުރަން ނިންމައިފިއެވެ.

ރެޑްވޭވުން ބުނީ، ގިނަ ގޭބިސީތަކުން ގަނޑުކޮށް ފިޔާ އަދި ބިސް ފަދަ ތަކެތި ގަންނައިރު އާންމު ގޮތެއްގައި ރޯދައާ ދިމާކޮށް މި ތަކެތީގެ އަގު ވެސް ބޮޑުވާކަން ފާހަގަކުރެވޭ ކަމަށެވެ.

ނަމަވެސް އެ ފިހާރަ އިން މިއަހަރުގެ ރޯދަ މަހަށް ޚާއްސަ އަގުތަކެއްގައި ބިސް، ފިޔާ އަދި އަލުވި ވިއްކާނެކަމަށް ރެޑްވޭވް އިން ބުންޏެވެ.

އެގޮތުން ރެޑްވޭވުން މިހާރުވެސް ބިހުގެ އަގުވަނީ 1.50ރ އަށް ހެޔޮކޮށްފައެވެ. އަދި މިއާއިއެކު، ފިޔާ އަދި އަލުވީގެ އާޝިޕްމަންޓެއް ލިބުމާއިއެކު، ވަރަށް ބޮޑު ތަނުން އަގުހެޔޮ ކުރާނެކަމުގައި ރެޑްވޭވްއިން ބުންޏެވެ. އެކަމަކު، އަގުތަކުގެ ތަފްސީލެއް ރެޑްވޭވް އިން އަދި ނުދެއެވެ.

ރެޑްވޭވް އިން ބުނީ ރޯދަ މަސް ނިމެންދެން އެ އަގުތަކުގައި އެ ތަކެތި ވިއްކަމުން އަންނާނެ ކަމަށެވެ.

ފިޔާ، އަލުވި އަދި ބިހުގެ އިތުރުން އެ ފިހާރައިން ވިއްކާ ހައިސެންސް އާއި ޝާޕް ބްރޭންޑުގެ އުފެއްދުންތައް ވެސް ރޯދަ މަހާ ދިމާކޮށް އަގު ހެޔޮވާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އިގްތިޞާދަށް އައިސްފައިވާ ހީނަރުކަމާއެކު ވެސް ރެޑްވޭވުގެ އަމާޒަކީ ޒަރޫރީ ކާބޯތަކެތި އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.