މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އާއި ގުޅުން ހުރި އެކި އިމާރާތްތައް ފާސްކޮށް މިހާތަނަށް ގިނަ އަދަދެއްގެ ފައިސާ އާއި ގަހަނާ އާއި ލަގްޒަރީ މުދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މެލޭޝިއާގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ.

މެލޭޝިއާގެ ދައުލަތުގެ ނޫސް އެޖެންސީ "ބަރަންމާ" އިން މިއަދު ބުނީ މިހާތަނަކަށް ނަޖީބު އާއި ގުޅުން ހުރި ތަންތަނުން 72 ފޮއްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެތެރޭގައި ގަހަނާ އާއި އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ އާއި އަގުބޮޑު މުދާ ހިމެނޭ ކަމަށެވެ. ނަޖީބު އާއި ގުޅުން ހުރި ތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަަކެތީގެ ތެރޭގައި އެންމެ އަގުބޮޑެތި އަތްދަބަސްތައް ވެސް ހިމެނެއެވެ.

މެލޭޝިއާ ފުލުހުން ވަނީ ނަޖީބު ދިރިއުޅުއްވާ ގެ ވެސް މިހާރު ފާސްކޮށްފައެވެ. އޭގެ އިތުރުން ނަޖީބު އާއި ގުޅުން ހުރި ހަ ގެއެއް ފުލުހުން ވަނީ ފާސްކޮށްފައެވެ.

ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ނަޖީބުގެ މަގާމު ގެއްލުނީ މިދިޔަ ހަފްތާގައި އޮތް އާންމު އިންތިޚާބު ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ކާމިޔާބު ކުރެއްވުމުންނެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހާތީރު ވިދާޅުވީ ނަޖީބުގެ ގެ ފާސްކުރުމަށް ބޭނުންވާ އެކަށީގެންވާ ހެކިތައް މިހާރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ނަޖީބުގެ މައްސަލަތައް ތަޙްޤީޤު ކުރުމުގެ މަސައްކަތް މެލޭޝިއާ ފުލުހުން ކުރަމުން ގެންދާއިރު ނަޖީބު އާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ވަޑައިގަތުން ވަނީ މަނާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޥަަރު

    މިޤައުމުގެ ނަޖީބުގެ ގެއިން ފޮށިތަށް ނެރޭ ދުވަސް ވަރަށް ކައިރި ވެއްޖެ މާތްﷲ ގެ ރަހުމަތް ފުޅުން. އެދުވަހުން އަހަރެމެން ދާނަން ބޮޑިބަތް ކައްކައިގެން އެމަސައްކަތުގައި އުޅޭ ފުލުސް ކުދިންނަށް ބަހަން. ވަގުތު ނޫސް އެދުވަހު ލިޔާނެ ޚަބަރެއް ބުލިބިގެން އުޅެން ޖެހޭބެތީ އެކަނަށް ގޮތެއް ހޯދައިދެވޭތޯ ވިސްނާނީ ރައްޔިތުން.

  2. ފާތުން

    މިތާނގެ ނަޖީބު ހައްޔަރު ކުރާނީ ކޮންއިރަކުން؟

  3. ޓޯކިޔޯ ބިންތު ނިވިޔޯކު

    އެއީރަހުމަތްތެރިން ރޯދަމަހަށްދީފަހުންނަ ކުދިކުދި ހަދިޔާކޮޅުތަކެއްނޫންތޯ .. ނަޖީބުގެ މެޑަމް ފަންޑަށްވެސް އެކަހަލައެތިއެތިކޮޅުތައް ލިބިފަހުރެދާނެކަމަށްބެލެވޭ ، ނަޖީބު ކީކޭތޯބުނުއްވަނީ ؟

  4. ހުސޭނުބޭ

    ހުސް ކަޅުފޮށި. ފޯރި އެބަހުރި.