ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފްރާންސުން ތަހުލީލުކުރަމުންދާ ވެކްސިނެއް އެޤައުމުގެ 25000 އަށްވުރެ ގިނަ މީހުންނަށް ދޭން ނިންމައިފިއެވެ.

ފްރާންސްގެ ސިއްޙީ އިދާރާތަކުން މިކަން ހާމަކޮށް ބުނެފައިވަނީ، ވެކްސިން ތަހުލީލުތަކުގައި މިވަގުތު ބައިވެރިކުރަމުން ދަނީ ޒުވާން އުމުރުގެ މީހުން އެކަނި ކަމަށެވެ. މިގޮތުން ވެކްސިން ތަހުލީލުތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދި ހުށަހަޅާފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ފްރާންސުން އުފައްދާ ކޮވިޑް-19 ގެ ވެކްސިންގެ ތަހުލީލު މަރުހަލާތަކަށް ވޮލެންޓިއަރުން ހޮވާފައިވަނީ އެފަރާތްތަކުގެ ސިއްޙީ ހާލަތުތައް ބެލުމަށްފަހު، އެންމެ އެކަށީގެންވާ މީހުން ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ. އެފަރާތްތަކަށް ވެކްސިން ދީގެން ފުޅާ ދާއިރާއެއްގައި ތަހުލީލު ކުރިޔަށް ގެންދިއުމަށްޓަކައި ފްރާންސްގެ 24 ހޮސްޕިޓަލެއް މިހާރު ވަނީ ތައްޔާރުކޮށްފައެވެ.

އިދާރާތަކުން ބުނެފައިވަނީ މިހާތަނަށް އެޤައުމުން ކޮވިޑް-19 ގެ ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތަށް ކާމިޔާބީތައް ލިބިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ފޭސް 2 އަދި ފޭސް 3 ގެ ތަހުލީލުތައް ފެށޭނެ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި ވެކްސިނާއި ބެހޭ އިތުރު މަޢުލޫމާތެއް ނުވަތަ ވެކްސިން އުފެއްދުމުގެ މަސައްކަތް ނިމޭނެ ތާރީޚެއް އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ފްރާންސް އަކީ މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވަމުން އަންނަ އެއް ޤައުމެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެން ފެށިއިރުވެސް ފްރާންސް އަށް ނުރައްކާ ބޮޑުވެގެން ދިޔައިރު، ބަލި ފެތުރުން ވަރަށް ބޮޑަސް ކޮންޓްރޯލް ވެފައި އޮތުމަށްފަހު އަނެއްކާވެސް ހާލަތު ގޯސްވާން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާތާ އަހަރެއްވާން ކައިރިވެފައި ވާއިރު، އަދިވެސް ބައިނަލްއަޤުވާމީ މިންގަނޑުން ހުއްދަ ދީފައިވާ ވެކްސިނެއް ބޭނުންކުރެވެން ނުފެށެއެވެ. ސިއްޙީ މާހިރުން ވިދާޅުވާގޮތުން ކޮވިޑް-19 ގެ ވެކްސިނެއް އެންމެ އަވަހަށް ވެސް ބޭނުންކުރެވެން ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިވަގުތު ދުނިޔޭގެ އެކި ޤައުމުތަކުގައި ކޮވިޑް-19 އަށް ޚާއްސަކޮށްގެން 150 އަށްވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިޔަށް ދެއެވެ. އޭގެތެރެއިން 38 ވެކްސިނެއް އިންސާނުންނަށް ދީގެން ތަހުލީލު ކުރަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު